13 Nov 2016, 20:49
މެލޭޝިއާގައި ބާއްވާ ލީޑަޝިޕް ޓްރެއިންންގް ޕްރޮގްރާމަކާއި ޔޫތު ސަމިޓުގައި ބައިވެރިވުމަށް، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ފަރާތުން ހަތަރު ކުއްޖަކަށް ސްކޮލަޝިޕް ދީފިއެވެ.
ރަފީ ޖަމިއްޔާއަކީ ޒުވާނުން ބާރުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ، ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ޖަމިއްޔާއެވެ.
އެ ޖަމިއްޔާއިން އަހަރަކު ހަތަރު ފަހަރު ސިލްސިލާކޮށް ބާއްވާ "ޔޫތު އޭޒް މިލީނިއަމް އެސެޓްސް" ވޯކްޝޮޕުގެ ތިންވަނަ ވޯކްޝޮޕް އިއްޔެ ސްޓެލްކޯގައި ބޭއްވި އިރު، އެ ވޯކްޝޮޕްގެ މަގުސަދަކީ 21 ވަނަ ގަރުނުގެ ލީޑަރުން އުފެއްދުމަށްޓަކައި ޒުވާނުން ތަމްރީނުކުރުމެވެ.
އިއްޔެ ބޭއްވި އެ ވޯކްޝޮޕްގެ ތިންވަނަ ސިލްސިލާގައި، ތިން ބޭފުޅަކު ވަނީ ސެޝަންތައް ނަންގަވައިދީފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް ނަންގަވައިދެއްވި ޓީމް ބިލްޑިންގްއާ ބެހޭ ސެޝަނާއި، ހަމަނުޖެހުމާއި އުނދަގޫ ހާލަތްތަކާ ކުރިމަތިލާނެ ގޮތާ ގުޅޭގޮތުން ހޭންޑް އިން ހޭންޑް ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު އިސްމާއިލް ނަންގަވައިދިން ސެޝަނުގެ އިތުރުން ދަމާސް ކުންފުނީގެ ސީއޯއޯ މުހައްމަދު ޝިހާބު ނަންގަވައިދިން ސެޝަން ހިމެނެއެވެ.
އެ ސެޝަންގައި ބައިވެރިވި، ރަފީ ޖަމިއްޔާގެ ހަތަރު މެމްބަރަކަށް ވަނީ، މެލޭޗިއާގައި ލީޑަޝިޕް ޓްރެއިނިންގެއް ހެދުމަށް ސްކޮލަޝިޕްގެ ފުރުސަތެއް ވެސް ހަވާލުކޮށްފައެވެ. އެ ސްކޮލަޝިޕް ލިބުނު ހަތަރު ޒުވާނުންނަކީ އަހްމަދު ޝައްމޫން، ޝާހީ ހަބީބު، އިސްމާއިލް ޝިހާބު އަދި އަހްމަދު ޝަރީފެވެ. މި ހަތަރު ޒުވާނުންނާ ސްކޮލަޝިޕް ހަވާލުކޮށްދެއްވީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ސުޖީވަ ރޮޑްރީގޯއެވެ.
ރަފީ ޖަމިއްޔާއިން ބުނި ގޮތުގައި، އެ ޓްރެއިނިންގް ޕްރޮގްރާމް ކުރިޔަށް ދާނީ މި މަހުގެ 26 އިން 29 ވަަ ދުވަހު މެލޭޝިއާގައެވެ. މި ޕްރޮގްރާމުގެ ސަބަބުން، ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އަހުލާގާއި އަސާސުތައް އަށަގެންނެވުމުގެ މައްޗަށް އަލިއަޅުވާ ޓްރެއިނިންގތަކެއް ކުރިޔަށް ދާނެ ކަމަށް ރަފީ ޖަމިއްޔާއިން ބުނެއެވެ.
ރަފީ ޖަމިއްޔާއިން ކޮންމެ އަހަރަކު ސިލްސިލާކޮށް ގެންދާ ޔޫތު އެޒް މިލީނިއަލް އެސެޓްސްގެ ހަތަރުވަނަ ސިލްސިލާ ޓްރެއިނިންގް އޮންނާނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކޮލޮމްބޯ ލީޑަޝިޕް އެކެޑެމީގައި ކަމަށް ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.