13 Nov 2016, 17:30
ނިއު ޒީލޭންޑުގެ ސައުތު އައިލެންޑަށް 7.4 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި، އެ ބިންހެލުން އައިސްފައި ވަނީ، ނިއު ޒިލޭންޑުގެ ސައުތު އައިލެންޑުގައި އޮންނަ އެންމެ ބޮޑު ސިޓީ ކަމަށްވާ ކްރިސްޓްޗާޗްގެ ކައިރިން ގާތްގަނޑަކަށް 95 ކިލޯމީޓަރު ދުރަށް ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުން އައިސްފައިވަނީ ފަސް ކިލޯމީޓަރު އަޑިއަށެވެ. އަދި ބިންހެލުމުގެ ލޮޅުމުގެ އަސަރު މުޅި ގައުމަށްކުރި ކަމަށް ބުނެފައިވެއެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފުނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމާ ގުޅިގެން ނިއު ޒިލޭންޑުގެ ސިވިލް ޑިފެންސް އެންޑް އެމަޖެންސީ މެނޭޖްމަންޓް އިން މީގެ 15 ވަރަކަށް މިނެޓް ކުރިންކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން ސުނާމީއެއް އެރުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ. އެހެންކަމުން އައްސޭރިފަށުގައި ދިރިއުޅޭ މީހުން އުސް ތަންތަނަށް ދިއުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ފެސިފިކު ކަނޑުގައި ބިންހެލުމާ ލޮޅުންތައް ގިނަ "ރިންގް އޮފް ފަޔާ" ގައި އޮންނަ ނިއު ޒީލޭންޑުގެ ކްރިސްޓްޗާޗް ކައިރިއަށް ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފައިވާއިރު، 2011 ވަނަ އަހަރު ވެސް އެ ސިޓީއަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 185 މީހުން ވަނީ މަރުވެފައެވެ.