މިއަހަރު ގްރޭޑް އެކަކަށް ވަތް ދަރިވަރުންގެ ތެރޭގައި އެންމެ ގިނައީ އުމުރު ނުގުޅޭ ވަރަށް ފަލަވުމާއި ނޭވާލުމަށް އުދަނގޫވުން ނުވަތަ އެސްމާގެ މައްސަލަތަކުގެ އިތުރުން ދަތުގެ ސިއްހީ މައްސަލަތައް ކަމަށް ހެލްތު ސްކްރީނިން ސާވޭއިން ދައްކައިފިއެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ "ހެލްތު ސްކްރީނިން" ސާވޭ އަކީ ސިއްހީ ގޮތުން ދަރިވަރުން ދިމާވާ ތަފާތު ކަންތައްތައް އެންމެ ޅަ ފަތުގައި ދެނެގަނެ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސިއްހީ ގޮތުން ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

އެގޮތުން، އެ ސާވޭގައި ކުއްޖާ ހެދިބޮޑުވަމުން އަންނަ ގޮތާއި އަޑުއިވުމާއި ފެނުމުގެ އިތުރުން ކުއްޖާގެ އެއްވެސް ކަހަލަ އެލާޖީއެއް ނުވަތަ ބަލިކަމެއް އުޅޭތޯ ބަލައި ޓެސްޓުކޮށްފައިވެއެވެ. އަދި ބައެއް ސިއްހީ މައްސަލަތައް ހުރި ދަރިވަރުންނަށް ސިއްހީ ލަފާދީފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން މާޗް މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިއަހަރުގެ ސާވޭގައި ގްރޭޑް އެކެއްގައި ކިޔަވާ 7488 ދަރިވަރުންގެ ތެރެއިން 6884 ދަރިވަރުން ސްކްރީން ކޮށްފައިވެއެވެ. އެއީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ 91.93 ޕަސެންޓް ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން ހަ އަހަރުގެ ދަރިވަރުންނެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނެރުނު އެ ރިޕޯޓުގައި ވާ ގޮތުން ކުއްޖާގެ ބަރުދަން ނުވަތަ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށްބަލާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރު އަންޑާވެއިޓް ކުދިން ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އަންޑާވެއިޓްގެ 34 ދަރިވަރުން ތިބިއިރު، މިއަހަރު ތިބީ އެންމެ 14 ކުދިންކަމަށް ސާވޭއިން ދައްކައެވެ.

އެ އަދަދާއެކު މާބޮޑަށް ފަލަވެފައިވާ ކުދިން ނުވަތަ އުމުރާ ނުގުޅޭ ވަރަށް އޯވާވެއިޓްވެފައިވާ ކުދިން އިތުރުވަމުންދާ ކަމަށް ސާވޭއިން ދައްކައެވެ. އޭގެތެރޭގައި އޮބީސް ހުންނަ ފިރިހެން ކުދިން އިތުރުކަމަށް ދައްކައެވެ.

އެގޮތުން ސްކްރީން ކުރެވުނު ކުދިންގެ ތެރެއިން 10.97 ޕަސެންޓަކީ އޯވާވެއިޓް ކުދިންނެވެ. އަދި އަދި އޮބީސް ކުދިންގެ ޕަސެންޓޭޖަކީ 10.33 އެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އެއް ޕަސެންޓުގެ އިތުރުވުމެކެވެ.

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު، 2013 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެމެރިކާގެ އުމުރުން ދެ އަހަރާ 19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އޮބީސް ކުދިންގެ ނިސްބަތް އުޅެނީ 17.2 ޕަސެންޓުގައެވެ.

އޯރަލް ހައިޖީން ނުވަތަ އަނގައިގެ ސާފުތާހިރު ކަމުގެ ކަމުގެ މައްސަލަތަކަކީ މިއަހަރުގެ ސާވޭގައި ވެސް އެންމެ ގިނައިން ފާހަގަވެފައިވާ މައްސަލައެވެ. އެގޮތުން ސްކްރީން ކުރި 6884ގެ ތެރެއިން 2620 ދަރިވަރުންގެ ދަތުގެ ކޮންމެވެސް މައްސަލައެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

ދަތުގެ ސާފުތާހިރުކަން އެންމެ ކުޑައީވެސް މާލޭގެ ދަރިވަރުންގެއެވެ. އެގޮތުން މާލޭ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ދަތުގެ ސާފުތާހިރުކަން ނެތް 54 ޕަސެންޓް ދަރިވަރުން އުޅޭއިރު، އަތޮޅުތަކުގައި އެ އަދަދު އުޅެނީ 31 ޕަސެންޓްގައެވެ.

ހެލްތު ސްކްރީން ކުރެވުނު ދަރިވަރުންގެ ތެރެއިން މިއަހަރު ލޮލުގެ ސިއްހީ މައްސަލަ ހުންނަ އިތުރު 399 ދަރިވަރުން ވަނީ ފެނިފައެވެ.

ދަރިވަރުންނަށް ދިމާވާ އަޑުއިވުމުގެ މައްސަލަތައް މިއަހަރު އަލަށް ވަނީ ބަލަން ފަށާފައެވެ. މާލޭގެ ސްކޫލްތަކުގެ ތެރެއިން އަޑުއިވުމުގެ މައްސަލަ ދިމާވެފައިވާ 21 ކުއްޖަކާއި އަތޮޅު ތެރެއިން 13 ދަރިވަރަކު ވަނީ ފާހަގަވެފައެވެ.

މިއަހަރުގެ ސާވޭގައި އެސްމާ ހުންނަ ދަރިވަރުން ގިނަކަން ވެސް ވަނީ ފާހަގަވެފައެވެ. އެގޮތުން ދިރާސާއިން ދައްކާގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި 360 އެސްމާ މައްސަލަ ނުވަތަ ނޭވާލުމުގެ ނިޒާމަށް ޖެހިފައިވާ މައްސަލައެއް ވަނީ ފެނިފައެވެ.

ދިރާސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ، ދިރާސާގެ ތެރެއިން ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ބެލެނިވެރިންވެސް ސްކޭން ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސްކޭންކުރި ބެލެނިވެރިންގެ ތެރެއިން 2953 ބެލެނިވެރިންނަކީ ކޮންމެވެސް ކަހަލަ ދުންފަތުގެ އިސްތިއުމާލުކުރާ ބެލެނިވެރިއެއްކަން ސާވޭއިން ފާހަގަވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ބެލެނިވެރިން ކައިރީގައި އުޅޭ ކުދިންނަށް އެސްމާ އަދި ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތައް ޖެހުމަށް 11 ގުނަ ބޮޑު ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ބުނެފައިވެއެވެ.