ގއ. ދާންދުއާއި ލ. މާމެންދުއަށް 400 ކިލޯ ވޯޓުގެ ޖެނެރޭޓަރު ސަޕްލައިކުރުމަށް ޕްލެންކްޓަން އިންވެސްޓްމެންޓާ ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުއަޙްމަދު ޝަރީފެވެ. އަދި ޕްލެންކްޓަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ޔައުފާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ޖެނެރޭޓަރުތަކުން ހިދުމަތް ދޭން ފެށުމުން ދާންދުއާއި މާމެންދޫގެ ކަރަންޓުގެ ހާލަތު އިތުރަށް ހަރުދަނާވެ 24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

އޭޭނާ ވިދާޅުވީ، އެ ދެ ޖެނެރޭޓަރުވެސް ހުރީ މާލޭގައި ކަމަށާއި، މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ ރަށްރަށަށް ޖެނެރޭޓަރު ފޮނުވައި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެޖެނެރޭޓަރު ތަކުން ހިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ދެރަށަށް ބޭނުންވާ އިންޖީން ހޯދުމަށް 3.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފެނަކައިން ބުނެ އެވެ. އެ ޖެނެރޭޓަރުތައް އެ ރަށްރަށަށް ފޯރުކޮށްދިނުމަށް ޕްލޭންކްޓަން އަށް ދީފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ.