ހއ. ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އިންތިޒާމުކޮށްގެން ހއ. ދިއްދޫގައި ބާއްވަމުން އަންނަ ތިން ވަނަ ގުރުއާން މުބާރާތް މިއަދު ދިއްދޫގައި ފައްޓައިފި އެވެ.

އެ މުބާރާތުން އެއް ވަނަ އަށް އަންނަ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ހުށަހަޅާފައިވެ އެވެ.

ލަތީފު މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މުބާރާތުގައި ހއ. އަތޮޅުގެ އެކި ރަށްތަކުން މި އަހަރުގެ މުބާރާތުގައި 188 ދަރިވަރުން ވާދަކުރާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ހަ އަހަރުން ދަށުގެ އުމުރު ފުރައިން ފެށިގެން އުމުރުން 21 އަހަރުން މައްޗަށް އެ މުބާރާތުގައި މީހުން ވާދަކުރެ އެވެ. އަދި މިދިޔަ 1437 ވަނަ އަހަރު ބޭއްވި ހއ. އަތޮޅު ގުރުއާން މުބާރާތުން އެންމެ މޮޅު 15 ދަރިވަރުންނަށް ވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކުރީ އަހަރުތަކާ ހިލާފަށް އާ ވަނަތަކެއް ވެސް މި އަހަރު ހޮވަން ނިންމާފައިވާ ކަމަށެވެ. އެއީ، މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިން ކަމަށާއި އެ ވަނަތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

މުބާރާތް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަަލަށް ދިއްދޫގައި ކަމަށް ލަތީފުގެ ބަޔާނުގައި ބުންޏެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ، އިބްރާހިމް ޝިފާއު އާއި އަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން އަހްމަދު ހާޝިމު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މުބާރާތަކީ، ލަތީފު ވިދާޅުވި ގޮތުގައި، ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްބާ މުބާރާތެކެވެ.