މަރުވާ މީހުންގެ އަދަދު ބެލުމާއި އަލަށް ވިހާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމަށް މިލިއަންނުން ހަރަދު ކުރުމުގެ ބޭނުމެއްނެތެވެ. އެއްބަޔަކު ރަށުގައި ހުރެގެން އާމްދަނީއެއް ލިބޭތީ ކުރިމަތި ލަނީ އެވެ. އަނެއް ސަބަބަކީ މާކަ ބޮޑު ކަމެއްނުކޮށް ބޮޑު އާމްދަނީއެއް ހޯދުމެވެ. މިއީ މިއަދު ކައުންސިލް ނިޒާމް އިހުތިޔާރުކުރާ ބައެއް ސަބަބުތަކެވެ. ހިދުމަތް އިސްކޮށް އެ ހިދުމަތަށް ކުރިމަތިލަނީ މަދުބައެކެވެ. އެކަމުގެ ހެއްކަކީ ކަތީބީ ނިޒާމްދޫކޮށް އިންތިހާބުކުރާ ކައުންސިލަރުންގެ ނިޒާމެއް އޮންނަތާ ހަ އަހަރުވީ އިރު އޭގެ ނަތީޖާ ނުފެންނާތީ އެވެ.

"މިހާރު މި ނިޒާމު އޮތްގޮތުން ނުވާނެ ކަމެއް، ކަމެއް ނުކުރާ ވާހަކަ ދައްކާއިރު ބަޖެޓެއް ނުދޭތާ އެއްވެސް ބާރެއްނެތް،" ވޭތުވެ ދިޔަ ދެ ދައުރު އުތުރުގެ އަތޮޅެއްގެ ރަށު ކައުންސިލްގެ ނައިބް ރައީސްކަން ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އެ ހަގީގަތް އެގޮތަށް އޮއްވައި އަނެއްކާ މިވަނީ އަނެއް ދައުރަކަށް ގޮވާލާފަ އެވެ. އަންނަ އަހަރު އެކަނިވެސް ކައުންސިލަރުންނަށް ދައުލަތުން 130.5 މިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ކޮންމެ ރަށަކަށް ފަސް ކައުންސިލަރުންގެ ބަދަލުގައި 3000 އަށް ވުރެ އާބާދީ ކުޑަ ރަށްރަށަށް ތިން ކައުންސިލަރުން ހަމަޖެއްސުމުން ވެސް 653 ކައުންސިލަރުން އަދިވެސް ތިބެ އެވެ. އެއީ 563 ރަށު ކައުންސިލަރުންނާއި 67 އަތޮޅު ކައުންސިލަރުންނާއި 23 ސިޓީ ކައުންސިލަރުންނެވެ. އެ ބޮޑު ހޭދައިގެ ނަތީޖާއެއް ނުފެނެ އެވެ. މިއީ އަޅާ ނުލައި ދޫކުރެވޭވަރުގެ މައްސަލައެއް ނޫނެވެ.

ނިޒާމް ފެއިލްވީ ކީއްވެ؟

ކައުންސިލް ނިޒާމެއް ގެނައީ ހަމައެކަނި މާލެއަށް ހުރިހާ ބާރެއް އެއްވެފައިވާ އެއްވުން ނައްތައިލައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމެނޭ ގޮތަށް އެ ސަރަހައްދެއް ނުވަތަ އެރަށެއް ތަރައްގީކޮށް ހިންގުމުގެ ބޭނުމުގަ އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ނައިބް ރައީސްކަން ކުރައްވާފައިވާ އަދި ޕޮލިޓިކަލް ސައިންސުން މާސްޓާސް ހައްދަވާފައިވާ އަހްމަދު ފައިސަލް ވިދާޅުވި ގޮތުގައި ކައުންސިލް ނިޒާމް ރާއްޖެއަށް ގެނައީ އޭގެ މަންފާ ހޯދުމަށްވުރެ ސިޔާސީ ހަތިޔާރެއްގެގޮތުގަ އެވެ.

"ކައުންސިލް ހިންގުމުގެ ރޫހެއްގައެއް ނޫން ކައުންސިލް ގެނައީ. ކައުންސިލް ބާރުވެރިކޮށް ކައުންސިލުން ނަތީޖާ ނެރެވޭ ނަމަ އެއީ އެ ސަރުކާރަކަށް ލިބޭ ކްރެޑިޓަކަށްވާ ގޮތަކަށް ނޫން އެއްވެސް ސަރުކާރެއްގެ ވިސްނުން ހުރީކީ،" ފައިސަލް ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ކައުންސިލް ނިޒާމެއް އައުމާ އެކު އެތައް ކަމެއް ކުރަން ކައުންސިލްތަކުން ފެށި އެވެ. ހިންގުންތެރި ރޫހެއް އެދުވަހު އޮތެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ސަރުކާރަކާއި ކައުންސިލްތަކާ ގުޅިގެން ތަރައްގީއަށް މަސައްކަތް ކުރެވޭތަނެއް ނުފެނެ އެވެ.

"ތިން ދައުރަށް ބެލިނަމަވެސް ކައުންސިލްތަކަށް ކަންތައް ނުކުރެވޭކަން ދެއްކުން މިއޮތީ، ކައުންސިލްތަކާއި ސަރުކާރާއި ގުޅުން ކުޑަ، އެއްބަޔަކު އަނެއްބަޔަކަށް ކަމެއްނުވާކަން ދެއްކުން ކަމަކީ،" ފައިސަލް ވިދާޅުވި އެވެ.

ރައްޔިތުންނަށް ޓަކައި ކަންތައްތަކެއް ކޮށްދިނުމަށް ކައުންސިލަރުންތަކެއް ނުކުތެވެ. ނަމަވެސް ބަޖެޓު ނުލިބުމާއި ވަސީލަތް ނުލިބުމާއި އަދި އެންމެ ފަހުން މިއަދު އެއްވެސް މަސްއޫލިއްޔަތެއް ނެތް ވަޒީފާއަކަށް އެކަން ވުމުން ހިންގުންތެރިކަމުގެ ރޫހު މިއަދު ކައުންސިލްތަކަކުނެތެވެ. އެކަން އެހެންވާން ދިމާވި މައިގަނޑު ސަބަބީ ކުރިމަތިވި ހުރަސްތަކެވެ.

އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ބެލެނިވެރި ފަރާތް ތައްޔާރެއް ނޫން!

ލާމަރުކަޒީ އުސޫލަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކަށް ވެފައި ވަނީ އެ ނިޒާމްގެ ބެލެނިވެރިޔާ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އެންމެ ރަނގަޅަށް އެ ނިޒާމް މޮނީޓަރު ނުކުރެވޭތީ އެވެ. އެލްޖީއޭގައި ގާބިލް ލީޑާޝިޕެއްނެތެވެ. އަބަދުހެން އެލްޖީއޭގެ ވެރިއަކަށް މިނިސްޓަރަކު ހުންނައިރު، އެބޭފުޅާގެ ބުރަ މަސައްކަތްތަކުގެ ތެރޭން އެލްޖީއޭއަށް އޮންނަނީ އަޅާނުލެވި އެވެ.

"ކައުންސިލްތައް އައިއިރު ބެލެނިވެރި އަދި މޮނީޓާކުރާނެ ފަރާތެއްނެތް، ކައުންސިލަށް އައިއިރު ދައުރެއް ނޭނގޭ، އައިސްވާނެ އެއްޗެއް ވިފަހުން ތަމްރީނުތަކެއް އައީ، އޭރު މިއޮތީ ވާނެ އެއްޗެއްވެފައި،" ރާއްޖޭގެ ކައުންސިލް ނިޒާމް ދިރާސާކޮށްފައިވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އެލްޖީއޭގެ ހާލަތު އެގޮތަށް އޮތުމުގެ ސަބަބުން އެ އޮތޯރިޓީގެ ނިންމުންތަކާއި ކައުންސިލްތަކަށް އަންގާ އެންގުންތަކުގައި މާކަ ބުރަދަނެއްނެތެވެ. އޭގެ ބަދަލުގައި އެލްޖީއޭގެ ނިންމުންތައް މިވަނީ އޮޕްޝަނަލް ކަމަކަށެވެ.

މަޖިލީހާއި އޭރުގެ ސަރުކާރާ ހިނގި އަރާރުވުންތަކާ އެކު ދެން ހެދި ގޯހަކީ އެނިޒާމަކީ އިގްތިސާދީ ގޮތުން ހިންގޭނެ ނިޒާމެއްތޯ ނުބެލުމެވެ. ނަތީޖާއަކަށްވީ ބޮޑު މުސާރަތަކާ އެކު ފެށިފެށުން ބުރައަކަށްވެ ނިޒާމް ނުހިންގުމެވެ. މުސާރަތައް ވެސް އަދި ކައުންސިލަރުންގެ އަދަދުވެސް ވީ ބުރައަކަށެވެ.

އަޮތޮޅުކައުންސިލްތަކުގެ ވެރިންނަށް ރަށަކުން މަރުހަބާ ކިޔަނީ. ފޮޓޯ އެލްޖީއޭ

އިސްލާހީ ފިޔަވަޅުތަކެއްބޭނުން

އަތޮޅު ކައުންސިލެއްގެ ނަމުގައި 67 ކައުންސިލަރުން އެކިއެކި ރަށްރަށަށް "އަރުވާލައިގެން" ތިބެގެން ނެރެވޭ ނަތީޖާއެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ކޮންމެ ކައުންސިލަކަށް ރައީސަކާއި ނައިބު ރައީސެއް މަސައްކަތް ކުރާގޮތަށް ހަދައި އެހެން ކައުންސިލަރުންނަކީ ޕާޓްޓައިމް ބަޔަކަށް ހެދުން މުހިންމެވެ.

"ފުލް ޓައިމް ރައީސަކާއި ނައިބެއް ބަހައްޓާފައި ދެން އެރަށެއްގައި އުޅޭ އެކި ދާއިރާއިން ބޭފުޅުން ހޮވައި ސިޓިން އެލަވަންސްއެއް ލިބޭ ބަޔަކަށް ހެދުން ރަނގަޅުވާނީ، އޭރުން ގާބިލް ބޭފުޅުން ވެސް އަންނާނީ،" ފައިސަލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ކެމްޕޭން މެނޭޖަރުންނާއި ޕާޓީ ހިންގާނެ މީހުންގެ ގޮތުގައި ކައުންސިލަރުން ބޭނުން ކުރުމުގެ ބަދަލުގައި އެއީ ހިދުމަތްތެރިބަޔަކަށް ހެދުމަށް ސިޔާސީ ޕާޓީތަކުން ވެސް ވިސްނަންޖެހެ އެވެ. ކައުންސިލަރުކަމަށް ކުރިމަތިލާއިރު އެ ދާއިރާއަށް ގާބިލްކުރެވޭނެ އުސޫލްތަކެއް ހަމަޖައްސަންޖެހެ އެވެ.

ހަމައެހެންމެ އެލްޖީއޭއަކީ ގާބިލް ބައެއްތިބި ތަނަކަށް ހަދަންޖެހެ އެވެ. ނަމެއްގައި ބޯޑު މީޓިންތައް ބާއްވައި ދަތުރުތައް ކުރާތަނެއްގެ ގޮތުގައި ނުހިންގައި ނަތީޖާ ނެރެވޭނެ ގޮތަކަށް ކަންކުރަންޖެހެ އެވެ. އެކަންވާނީ އެ ދާއިރާގެ ތަޖުރިބާކާރުންނަށް އެ އޮތޯރިޓީން ޖާގަލިބިގެންނެވެ.

ސަރުކާރުން ބުނަނީ ބާރުތައް ދޭނެ ކަމަށް!

ކައުންސިލްތަކަށް ބާރުތައް ނުލިބޭ ކަމަށް ކައުންސިލްތަކުން ބުނަމުންދާ އިރު ސަރުކާރުން މިވަނީ އުންމީދީ ވާހަކައެއް ފެންމަތިކޮށްފަ އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، އެ ސަރަހައްދެއްގެ ވަސީލަތްތައް ކައުންސިލްތަކަށް ދީގެން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

"އެތަންތަނުގެ މަންފާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ލިބޭގޮތަށް އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ބައްޓަން ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށް މިއަހަރު ހަ މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލަކަށް އެހީވާނެ ކަމަށް ވެސް މިނިސްޓަރު އަޒުލީން ވިދާޅުވި އެވެ. އެގޮތުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމަކީ އެޅި ރަނގަޅު ފިޔަވަޅެކެވެ.

ކައުންސިލް ނިޒާމެއް ގާނޫނުން ކަނޑައަޅައި ކައުންސިލަރުންތަކެއް އިންތިހާބު ކުރުމަކުން އަދި ނަތީޖާއެއް ނުނިކުންނާނެ އެވެ. ހަމައެހެންމެ ބޮޑެތި މުސާރަތަކެއް ދިނުމަކުން ވެސް ހިދުމަތެއް ނުލިބޭނެ އެވެ. ކައުންސިލް ނިޒާމް ރަނގަޅު ކުރުމަށް ރަނގަޅު އުސޫލެއް ގާއިމް ކުރަންޖެހެ އެވެ. ނޫނީ އަނެއްކާ ވެސް މިއުޅެނީ ބޭކާރު ހަރަދެއް ކުރުމަށެވެ. ނަމަވެސް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމަކީ އެޅި ރަނގަޅު ފިޔަވަޅެކެވެ.