13 Nov 2016, 15:07
ހަމަ އެކަނި ހިނގާފައި އުޅޭ ގޮތަށް ބަންދުކުރި މާލޭގެ ހަތް ގޯޅިއެއްގަ އާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މިއަދު އެމިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންޕަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ގޯޅިތަކުގައާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާ ސަރުކާރުން ދިން ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.

ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ތިން ފައިސާ އާ މިނިސްޓަރު މުއިއްޒު ހަވާލުވެވަޑައިގަންނަވަނީ -- ސަން ފޮޓޯ
ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައި ވަނީ 460،000 ޑޮލަރެވެ. އެއީ ހަތް މިލިއަން ދިވެހި ރުފިޔާ އެވެ. އެ ފައިސާ ހައުސިން މިނިސްޓްރީއާ ހަވާލު ކުރީ މިއަދު އެމިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު މުއިއްޒު އެވެ. ޗައިނާގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ސަފީރު، ވަންފުކާންގް އެވެ.
ޕާކު ތަރައްގީ ކުރާ ގޯޅިތައް:
ފުލޫނިޔާ ގޯޅި
- ފަރީދީ ގޯޅި
- ގުލްއަލާ ގޯޅި
- އަލަމާ ގޯޅި
- އެނބޫ ގޯޅި
- ޝަހީދު އަލީ ގޯޅި
- ހަލަވެލި ގޯޅި
މި ހަތް ގޯޅި ވެސް ބަންދުކޮށްފައި ވަނީ މި އަހަރުގެ ތެރޭގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ގޯޅިތަކާއި ވިލިމާލޭގައި ތަރައްގީ ކުރާ ޕާކުތައް ތަރަައްގީ ކުރަން ހަމަޖައްސާފައި ވަނީ ޒަމާނީ ފެންވަރަށް ކަމަށެވެ. އަދި މި ޕާކުތައް ހެދުމުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ ސަފީރު، ވަންފުކާން ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވެފައި، ރާއްޖޭގެ މަލަމައްޗަކީ މާލެ ކަމަށްވާތީ މާލޭގެ ޒީނަތްތެރިކުރުމަށް އެހީ ތެރިވެދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ފައިސާ ހިލޭ އެހިގެ ގޮތުގައި ދީފައިވަނީ ވެސް އެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެރަސްމިއްޔާތުގައި ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ވިލިމާލޭގައި ޕާކެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މިނިސްޓަރު މުއިއްޒު އަރިހުގައި އެކަމަށް އެދިވަޑައިގަތީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ކުޑަ މުއްދަތެއްގެ ތެރޭގައި އެކަން ހަމަޖައްސަވައިދެއްވި ކަމަށް ޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަޝްރޫއަށް ފައިސާ ދެއްވި ކަމަށް ޓަކައި ޗައިނާ އެމްބެސެޑަރަށް ވެސް ނިހާން ވަނީ ޝުކުރު އަދާކުރެއްވި އެވެ.