ޕެރިސް (ނޮވެމްބަރު 13): ފްރާންސަށް މިދިޔަ އަހަރު ދިން ހަމަލާތަކާ ގުޅިގެން އިއުލާން ކުރި ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މެނުއެލް ވޯލްސް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ވޯލްސް އެފަދައިން ވިދާޅުވެފައި ވަނީ ޕެރިހުގައި 130 މީހަކު މަރުވި ހަމަލާތަކަށް އެއް އަހަރު ފުރުމާ ގުޅިގެން ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ފްރާންސުގައި ކުއްލި ހާލަތު އިއުލާން ކުރީ މިދިޔަ ނޮވެމްބަރު 13ގައި ޕެރިހަށް ދިން ހަމަލާތަކެއްގައި 130 މީހަކު މަރާލުމާ ގުޅިގެންނެވެ. އަދި އޭގެ ފަހުން މި އަހަރުގެ ޖުލައި މަހު ނީސްގައި ލޮރީއަކުން ޖައްސައި 84 މީހަކު މަރާލުމާ ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށްފައިވާ މުއްދަތު ހަ މަހަށް އިތުރު ކުރުމަށް ސަރުކާރުން ނިންމި އެވެ.

ބޮޑުވަޒީރު ވޯލްސް ވިދާޅުވި ގޮތުގައި އެ މުއްދަތު އިތުރު ކުރަން ޖެހެނީ އަންނަ އަހަރު އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ އެއްވުންތައް ބާއްވާނެތީ، ނީސްއަށް ދިން ފަދަ ހަމަލާއެއް ދިނުމުގެ ނުރައްކާ އޮތުމުންނެވެ. އަދި އެއީ "ޑިމޮކްރަސީ ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއް" ކަމަށް ވެސް ވޯލްސް ވިދާޅުވި އެވެ.

ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމުން ފުލުހުންނަށް އިތުރު ބާރުތައް ލިބިގެންދެ އެވެ. ނަމަވެސް ފްރާންސުން ހެދި ތަހުގީގަކުން ދެއްކި ގޮތުގައި ކުއްލި ހާލަތު އިއުލާން ކުރުމުން ސަލާމަތީ ކަންތައްތައް ފާހަގަކޮށްލެވޭ ވަރަކަށް ވަރުގަދައެއް ނުވެ އެވެ. (ބީބީސީ)