ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ދައުލަތުގެ އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ހުށަހެޅި އެ މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

ހިޔާނާތުގެ ކުށް އަދީބާއި ޒިޔަތުގެ މައްޗަށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބައިވެރިވި ކަމަށް ސާބިތުވާތީ އޭނާ ވެސް އަށް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

ހަމައެހެންމެ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ވެސް އެ ޚިޔާނާތުގައި ބައިވެރިވިކަން ސާބިތުވާތީ އޭނާ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ހުކުމްގައި ފާހަގަކޮށްފައިވާކަންކަން

  • ކުރެއްދޫ ހޯލްޑިންގްސް އިން ދޫކުރި ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ ޒިޔަތު އެޗެކް އަދީބާ ހަވާލުކޮށްފައިވާކަން ހެކިތަކުން އެނގޭ.

  • 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ފައިސާ ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް އަށް ޖަމާކުރެއްވުމަށް ފަހު އެކަން އަދީބު އެ ކުންފުންޏަށް އަންގާފައިވާކަން ހެކިތަކުން އެނގޭ.
  • އެއަށްފަހު އަދީބު އެދިވަޑައިގަތް ގޮތަށް ހަތަރު މިލިއަން ޑޮލަރުގެ ތިން ޗެކު ތައްޔާރު ކުރުމަށް ފަހު މީލޭނިއަމް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ ސޮޔާ އެކު މޮންޓަލިއޯން އިންޓަނޭޝަނަލް ކުންފުނީގެ ހިއްސާދާރަކާ ހަވާލުކުރިކަން ހެކިތަކުން އެނގޭ.
  • ބާކީ އެއް މިލިއަން ޑޮލަރު އަދީބު ނަގާފައިނުވާކަން ހެކިތަކުން އެނގޭ.
  • މިލޭނިއަމާއި މޮންޓަލިއޯންގެ އެކައުންޓަށް އެ ފައިސާ ޖަމާވިކަން އެ ދެ ކުންފުނީގެ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓުތަކުން އެނގޭ.
  • ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިނުވާކަން އެ ކުންފުނީގެ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓުން އެނގޭ.

ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބާކީވާ އެއް މިލިއަން ޑޮލަރު އަނބުރާ އަދީބު ނަގާފައިނުވާއިރު، 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އެއްމިލިއަން ޑޮލަރު ފިޔަވައި އިތުރު ފައިސާއެއް މީލޭނިއަމްގެ އެކައުންޓަށް ވަދެފައިނުވާ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތަށް އެކަން އޮތްއިރު، 2014 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެސްޓީއޯ އަށް ޑޮލަރު ވިއްކުމުގެ އެއްބަސްވުމެއްގައި މިލޭނިއަމާއި އެސްޓީއޯ އިން ސޮއިކޮށްފައިވާ ކަމަށާއި މިލޭނިއަމްގެ ފަރާތުން އޭގައި ސޮއިކޮށްފައި ވަނީ ހާމިދު ކަމަށް ހުކުމްގައިވެ އެވެ.