08 May 2010, 14:51
19:00
ތެލެސީމިއާ ބަލީގައި ރާއްޖޭގައި އެވްރެޖްކޮށް އަހަރަކު ހަ ކުދިން މަރުވާ ކަމަށާއި ދުނިޔޭގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ނެޝެނަލް ތެލެސީމިއާ ސެންޓަރުން ބުނެފި އެވެ.
ދުނިޔޭގައި މިއަދު ފާހަގަކުރާ ތެލަސީމިއާ ދުވަހާއި ގުޅިގެން ތެލެސީމިއާ ސެންޓަރުން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައި ވަނީ އެވްރެޖްކޮށް އަހަރަކު 34 ކުދިން އެ ސެންޓަރުގައި މުޅިން އަލަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖުމްލަ ގޮތެއްގައި ހަ ކުއްޖަކު ކޮންމެ އަހަރަކު މަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ތެލަސީމިއާ ސެންޓަރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެވްރެޖް ގޮތެއްގައި އެ ސެންޓަރުން ދުވާލަކު ވިއްސާއި ބާވީހާ ދެމެދުގެ އަދަދެއްގެ ކުދިންނަށް ލޭ އަޅާ އެވެ. އެހެން ނަމަވެސް ލޭ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް މީގެ 16 އަހަރު ކުރިން އުފެއްދި ތެލަސީމިޔާ ސެންޓަރުން ބުންޏެވެ.
ލޭއަޅާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ބޭރުކުރުމަށް މިހާރު އާ ބޭހެއް ބޭނުންކުރަން ފަށާފައިވާ ކަމަށާއި އެ ފަރުވާގެ ނަތީޖާ އަށް ބަލައި އެ ސެންޓަރުގެ ޑޮކްޓަރުން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިން ރަށްރަށަށް އެ ބޭސް ދޫކުރަން ފަށަން ވެސް ތެލަސީމިއާ ސެންޓަރުން ވަނީ ނިންމައިފައެވެ.
ތެލެސީމިއާ ކުދިންނަށް އޮންނަ ދާއިމީ ފަރުވާ އަކީ ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމެވެ. މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާ އިރު، ދެ ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުން ވެސް ވެނީ އެހީތެރިވެފައެވެ. އެކަމަކު މި އޮޕަރޭޝަންގެ އަގު ބޮޑުކަމުން ދެ ކެރިއަރުން ނަމަ ޒަވާޖީ ހަޔާތެއް ނުފެށުމަށް ތެލަސީމިއާ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަހަރުގެ ތެލެސީމިއާ ދުވަހުގެ ޝިޢާރަކީ "އިންފޯމްޑް ޕޭޝަންޓް-ނޮލެޖް އިޒް ޕަވަރ" އެވެ. މި ޝިޢާރުގެ ބޭނުމަކީ ލޭއަޅާ ކުދިންނަށް އެކަމުގެ މަޢުލޫމާތު ފުރިހަމަ އަށް ދިނުން ކަމަށް އެ ސެންޓަރުން ބުންޏެވެ.