13 Nov 2016, 13:34
އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ކަންތައްތައް ފަސޭހައިން ފެންނާނެ ގޮތަށްވެބްސައިޓަކާއިލުއިފޮތެއްފަރުމާކޮށް ނެރެފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓާއި ފޮތް ނެރެދެއްވީ މިނިސްޓަރު އަހުމަދު މުނައްވަރެވެ. އެ ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ ދައުލަތުގެ ޚަރަދާއި އާމްދަނީ ފެންނަ ގޮތަށް އެ މިނިސްޓްރީގެ ވެބްސައިޓުގައި ނުހުންނަ ކަން ރިސާޗް ކުރައްވާ ފަރާތްތަކުންނާއި ނޫސްވެރިން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށެވެ. އެހެން ކަމުން މިއަދު ލޯންޗް ކުރި ބަޖެޓު ވެބްސައިޓް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައްވެސް އާންމު ކުރުމަށް ހަމަޖައްސާފައިވާކަމަށް މުނައްވަރު ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދު މިކުރަނީ ބަޖެޓު ވެބްސައިޓު މެދުވެރިކޮށް އާންމުންނަށް ބޭނުންވާނެ ގިނަ މައުލޫމާތުތަކެއް މީގެން ލިބިގެން ދިއުން. މިއީ ނޫސްވެރިންނާއި ރިސާޗްކުރައްވާ ބޭފުުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމެއް. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މަހުން މަހަށް އަދި އަހަރުން އަހަރަށް، ކުއާޓާލީކޮށްވެސް ރަނގަޅަށް ނުލިބޭތީވެ. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން މި ވެބްސައިޓު ބަރާބަރަށް އަޕްޑޭޓް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ވެބްސައިޓު ފަރުމާ ކުރުމަށްފަހު ލޯންޗްކޮށްފައިވަނީ ވަރަށް ކުޑަ މުއްދަތެއްގައި ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ މުއައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިއަދު ނެރުނު ފޮތުގައި އަންނަ އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރާއި، އެ އާމްދަނީ ލިބޭނެ ގޮތްތަކާއި، ދައުލަތުގެ ޚަރަދުދާނެ ދާއިރާތަކައި ޚަރަދު ކުރެވޭނެ މިންވަރުގެ އިތުރުން ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދު އިތުރުވާނަމަ އެކަން ހަމަޖައްސާނެ ގޮތްތައް ހިމަނާފައިވެއެވެ.
އަދި ވެބްސައިޓުގައި ބަޖެޓާ ބެހޭ ހުރިހާ މައުލޫމާތެއް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 14 ބިލިއަން ރުފިޔާއެވެ. ބާކީ 49 ޕަސެންޓް ހަރަދު ކުރަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ ޚަރަދު ވީހާވެސް ކުޑަކުރުމަށް ބާރުއަޅާ ބަޖެޓެއް ކަމަށެވެ.