13 Nov 2016, 15:15
ވޮޝިންޓަން (ނޮވެމްބަރު 13) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތް ނުކުރައްވާނެ ކަމަށާއި އަދި ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް އޭނާގެ ވެރިކަމެއްގައި އެހީތެރިނުވާނެ ކަމަށް އެމެރިކާގެ ރައީސުލްމުންތަޚަބް (ޕްރެސިޑެންޓް އިލެކްޓް) ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޯލް ސްޓްރީޓް ޖޯނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ޓުރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި އެމެރިކާ މަސައްކަތްކުރާނީ ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތައް ނައްތާލުމަށް ކަމަށާއި މިކަމުގައި ސޫރިޔާ ސަރުކާރަށާއި އަދި ރަޝިޔާއަށް ވެސް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމުގަ އެވެ.
ބައްޝާރަކީ ހަރުކަށި އަދި އަނިޔާވެރި ވެރިއެއް ނަމަވެސް އޭނާގެ ވެރިކަން ގަދަބާރުން ވައްޓާލުމުން ރަނގަނޅު ނަތީޖާއެއް ނުނުކުންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށާއި އަދި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާ އެހީތެރިވުމުގެ ނަތީޖާއަކީ ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލާންޖެހުން ކަމަށާއި މިއީ އެމެރިކާއަށް އެއްވެސް ގޮތަކުން މަސްލަހަތު ހުރިކަމެއްނޫންކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ގަދަބާރުން ވެރިކަން ވައްޓާލި ގައުމަކަށް ހަމަޖެހުން އައިސްފައިނުވާ ކަމަށް ވެސް ޓުރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްވަނީ އަރަބި ގައުމުތަކުގައި ހަމަނުޖެހުން އުފައްދައި އެގައުމުތަކުގެ ވެރިން ގަދަބާރުން ވައްޓާލުމަށް އެމެރިކާގެ ސަރުކާރުތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ދެކޮޅަށް އޭނާގެ ކޭންޕޭން އެއްވުންތަކުގައި ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އެމެރިކާ އިސްވެ އޮވެގެން އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމާއި ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލި ވައްޓާލުމަކީ ގޯހެއްކަމަށާ އެދެބޭފުޅުން ވެރިކަމުގައި ތިއްބެވި ނަމަ އެ ދެގައުމު މިހާރު ވެއްޓިފައިވާ ވަޅުގަނޑަށް ނުވެއްޓުނީސް ކަމަށް ޓުރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕަކީ އެމެރިކާ ދުނިޔޭގެ ގައުމުތަކުގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކަވައި އެމެރިކާގެ އެތެރޭގެ ކަންތައްތަކަށް އިސްކަން ދިނުމަށް ކޭންޕޭންގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެމެރިކާ ދުނިޔޭގެ ގައުމުތަކަށް އަރައިގަނެ ހިންގަމުންގެންދާ ހަނގުރާމަތަކުގެ ސަބަބުން ފައިދާ ވަނީ އެމެރިކާގެ ބޮޑެތި ކުންފުނިތަކަށް ކަމަށާ އެކަމުގެ ސަބަބުން ގެއްލުން ވަނީ އެމެރިކާގެ އާދައިގެ ރައްޔިތުންނަށް ކަމަށް ވެސް ކޭންޕޭން އެއްވުންތަކުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އަދި ދުނިޔޭގެ އެހެންގައުމުތަކުގެ ކަންތައްތަކުގެ ތެރެއަށް އެމެރިކާ ވަދެ ބޮޑެތި ޚަރަދުތައްކޮށް ދުނިޔެއަށް އަތްގަދަ ކުރަން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އެތެރޭގެ ތަރައްގީގެ ބޮޑެތި ކަންތައްތަކެއް ހުއްޓުމަކަށް އައިސް އެމެރިކާ ފަހަތަށްދާން ފަށާފައިވާ ކަމަށާ އެހެންކަމުން ވެރިކަން ލިބިއްޖެ ނަމަ އިސްކަން ދެއްވާނީ އެމެރިކާގެ އެތެރެއަށްކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)