އައްޑޫ ސިޓީގެ މީދޫގެ ފުށްޓަރާ ދިމާލުން ނެރެއް ކެނޑުމަށްޓަކައި، ގޮވާތަކެތި ބޭނުންކޮށްގެން ފަރު ގޮއްވުމުގެ ހުއްދަ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ދީފިއެވެ.

ދެހާސް ނުވަވަނަ އަހަރު ފެށި، މީދޫގައި ނެރެއް ކެނޑުމުގެ މަޝްރޫޢުގެ އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު ނިމިފައި އޮތް ނަމަވެސް، ފުއްޓަރު ފަރާތުގެ ބޭރުގެ އާނުގަނޑު ހަރު ކަމުން، އެތަން ވަނީ ފޫދުއްވާލެވޭ ގޮތް ނުވެފައެވެ.

މަޝްރޫއު ހިންގުމަށް ފުރަތަމަ ރޭވި ރެވުމަށް ބަދަލު ގެނެސް، ނެރު ކެނޑުމަށްޓަކައި އައްޑޫ މީޑޫގެ ފުށްޓަރުން 15x27 މީޓަރުގެ ސަރަހައްދެއް ގޮއްވުމުގެ ހުއްދައަށް އެދި، ހައުސިންގް މިނިސްޓްރީގެ ފަރާތުން އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)އެއް ހަދައި، ހުށަހަޅާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފަރު ކެނޑުމަށްޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، މީދޫ ފުށްޓަރުގެ އާނުގަނޑުގެ ފޫ ދުއްވާލެވޭ ގޮތް ވެފައެއް ނުވެއެވެ. އަދި މަޝްރޫއު ދިގުލައިގެން ދިޔަ ސަބަބަކީވެސް އެއީ ކަމަށް އީއައިއޭގައި ބުނެއެވެ. އެހެންކަމުން، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހުށަހަޅާފައިވަނީ ފަރު ގޮއްވައިގެން ނެރު ކެނޑުމަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ސްރީލަންކާގެ ސެނޯކް ޓްރޭޑް ކޮމްބައިން ނަމަކަށް ކިޔާ ކުންފުންޏެކެވެ.

ކެޕްޝަން..

އީއައިއޭ ރިޕޯޓާ އެކު، މީދޫގެ ނެރު ކެނޑުމަށް ފަރު ގޮއްވުމަށް ހުށަހަޅާފައިވާ އިރު، މިދިޔަ ބުދަ ދުވަހު އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި، އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ހުއްދައިގައި ބުނެފައިވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަންޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މި މަސައްކަތް ކޮށްގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާވާން ޖެހޭނީ މަޝްރޫއުގެ އެދިޔާރު ނުވަތަ ޕްރޮޕޯނެންޓް ކަމަށް ހުއްދައިގައި ބުނެފައިވެއެވެ. މި މަޝްރޫއުގެ އެދިޔާރަކީ ހައުސިންގް މިނިސްޓްރީއެވެ.

މީދޫގެ ނެރު ކެނޑުމަށްޓަކައި ހުށަހެޅި އީއައިއޭ ރިޕޯޓުގައި، މީދޫގެ ފަރު ގޮއްވާލުމަށް ހުށަހަޅާފައިވަނީ، އެމޯނިއާ ނައިޓްރޭޓް ކިޔާ ގޮވާ ޒާތުގެ ކެމިކަލަކާއި، ޑައިނަމައިޓް ބޭނުންކޮށްގެންނެވެ. ރިޕޯޓުގައި ބުނާ ގޮތުން، ހަތަރު އިންޗީގެ ޑައިނަމައިޓެއްގެ ވަށައިގެން، އެމޯނިއާ ނައިޓްރޭޓާއި ޑީސަލް އެއްކޮށްފައިވާ މިކްސްޗާއެއް އަޅައި، ޕްލާސްޓިކް ކޮތަޅެއްގައި ބަންދު ކުރެވޭނެއެވެ. އަދި އެ ކޮތަޅު، ގޯންޏެއް ފަދަ ބޮޑު ކޮތަޅެއްގައި ވެލީގެ ފަށަލައަކާ އެކު ބަންދުކުރެވޭނެއެވެ.

މީދޫ ފަރު ގޮއްވުމަށް މަސައްކަތް ރާވާފައިވާ ގޮތް --

ކޮންމެ ގޮއްވާލުމަކަށް މިފަދަ ހަ ކޮތަޅު ބޭނުންވާނެ ކަމަށް އީއައިއޭގައި ބުނާ އިރު، ޖުމްލަ 50 ކޮތަޅު ބޭނުންކުރުމަށް އީއައިއޭގައި ހުށަހަޅާފައިވެއެވެ. ކޮތަޅުތައް ބަހައްޓަނީ، ދެ ކޮތަޅުގެ ދެމެދުގައި އެއް މީޓަރުގެ ޖާގަ ދޫކޮށްފައެވެ.

އީއައިއޭގައި ބުނެފައިވާ ގޮތުން މިކަން ކުރުމަށް ހޭދަވާނީ ދެ ދުވަސް ނުވަތަ ތިން ދުވަހެވެ.

އީއައިއޭ ރިޕޯޓުގައި ބުނާ ގޮތުން، ފަރު ގޮއްވުމުގެ ސަބަބުން އޭގެ އަޑާއި ގުޑުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ ބޮޑުބައެއް މަރުވުމާއި، ފަރުގައި ރެނދުލުމާއި، އެއްގަމުގައި ހުރި ދުވަސްވީ ބައެއް ގޭގެއަށް އަސަރުކުރުމާއި ފެންގަނޑު ވަގުތީ ގޮތުން ތަޣައްޔަރުވުން ހިމެނެއެވެ. ރިޕޯޓުގައި ބުނާ ގޮތުން، ފަރު ގޮއްވުމުގެ އަޑު އިވޭނީ ސައިޓުގެ ވަށައިގެން ފަސް ކިލޯމީޓަރުގެ ސަރަހައްދަށެވެ.

"ެރުގޮއްވުމަކީ އޭގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނޫނެވެ. އެއީ ފަރުގެ ދިރުމަށް ލިބޭ ގެއްލުމާއި ފަރުގެ ޖިއޮލޮޖީއަށް ލިބިދާނެ ގެއްލުން ޔަގީން ނުކުރެވޭތީއެވެ. ފަރުގެ ދިރުން އަލުން އިއާދަވާނެއެވެ. ނަމަވެސް ފަރުގެ ޖިއޮލޮޖީއަށް ލިބޭ ގެއްލުން އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ،" އީއައިއޭ ރިޕޯޓުގައި ބުނެފައިވެއެވެ.