ކްރިސްޗާޗް : ނިއުޒިލޭންޑްގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކްރިސްޗާޗް އަށް އެކިވަރުގެ ބިންހެލުންތައް އިއްޔެ އަތުވެއްޖެވެ.

ނިއުޒިލޭންޑްގެ ޖިޔޮލޮޖިކަލް އެންޑް ނިއުކްލިޔަރ ސައެންސް އިންސްޓިިޓިއުޓުން ބުނިގޮތުގައި މިބިންހެލުންތަކުގެ ތެރޭން އެންމެ ބޮޑަށް ބިންހެލިފައިވަނީ ރެކްޓަރ މިންގަނޑުން 6 ގެ ބާރުމިނުގައެވެ.

އެމެރިކާގެ ޖިލޮލޮޖިކަލް ސަރވޭ އާބެހޭ މަރުކަޒުންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މިބިންހެލުންތަކުގެ ސަބަބުން ކްރިސްޗާޗްގެ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބި އަނެއްބައި ޢިމާރާތްތައް ވެއްޓި މަގުތަކަށާއި އިންފްރާސްޓްރަކްޗަރަށް ގެއްލުންތައް ލިބިފައިވާއިރު ގިނަޢަދަދެއްގެ ބަޔަކުވަނީ ޒަޚަމްވެފައެވެ. ނަމަވެސް މިހަކު މަރުވިކަން އަދި އެނގިފައިނުވާ ކަމަށް ކްރިސްޗާޗްގެ ފުލުހުން ބުނެއެވެ.

މިދިޔަ ފެބްރުއަރީމަހުވެސް ކްރިސްޗާޗަށް ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި 181 މީހަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ. -- ނޫސްއެޖެންސީތައް / ޖަވާދު