13 Nov 2016, 09:00
ޓުވިޓާ މެދުވެރިކޮށް، ބޮލީވުޑްގެ ބަތަލާ ޝްރުތީ ހަސާން އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ޓުވިޓާ މެދުވެރިކޮށް ޝްރުތީ އަށް ފާރަލައި އޭނާ އަށް ތަފާތު ގޮތް ގޮތުން އުނދަގޫ ކުރަމުން ދިޔަ ކަރްނާޓަކާ ރައްޔިތެއް ކަމަށްވާ ޑރ. ކޭޖީ ގުރޫޕްރަސާދް އާ ދެކޮޅަށް ކަމަށް ޚަބަރުތައް ބުނެ އެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރުގެ ހަތް ވަނަ ދުވަހުން ފެށިގެން ގުރޫޕްރަސާދް، ޝްރޫތީ އަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ވަރަށް ދަށު ދަރަޖައިގެ މެސެޖު ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އޭނާގެ އުނދަގޫ ބޮޑުވެގެން ފުލުހުންނާ ހަމައަށް މައްސަލަ ދިޔައީ، އޭނާއަށް ޝްރޫތީ ފެންނަ ހިސާބަށް ދެވިއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ވެސް ފިރިހެނަކު ވަނީ މުމްބާއީގައި ހުންނަ ޝްރޫތީގެ ގެއަށް ވަދެ އޭނާ އަށް ހަމަލާ ދީފަ އެވެ.