13 Nov 2016, 09:13
އިޓަލީ ޗެމްޕިއަން ޔުވެންޓަސްއާ ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ އެޖެންޓް ދޮގުކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި، މި ސީޒަން ނިމުމާއެކު ތިއާގޯ ސިލްވާ ޔުވެންޓަސްއާ ގުޅުމަށް އެ ކްލަބާއެކު މަޝްވަރާތަކުގައި ބައިވެރިވަމުންދެ އެވެ.
ޕީއެސްޖީއާ އެކު ތިއާގޯ ސިލްވާ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމާ އެކު ހަމަވި ނަމަވެސް، އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް އެ ކްލަބު ކޮލިފައިވެއްޖެ ނަމަ، އޮޓޮމެޓިކުން އޭނާގެ ކޮންޓްރެކްޓް އާވާނެ އެވެ.
"ތިއާގޯގެ ކޮންޓްރެކްޓާ ގުޅޭ ގޮތުން ޔުވެންޓަސްއާ އަހަރެން މަޝްވަރާކޮށްފައެއް ނުވާނެ. ޕީއެސްޖީއާއެކު ތިއާގޯ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުތެރޭ ހަމަވި ނަމަވެސް، ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމަ، އޮޓޮމެޓިކުން ކޮންޓްރެކްޓް އާވާނެ. އެހެންވެއްޖެ ނަމަ، އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެނީ 2018 ވަނަ އަހަރުގެ ތެރޭގައި،" ތިއާގޯ ސިލްވާގެ އެޖެންޓް ޕައުލޯ ޓޮނިއެއްޓޯ ބުންޏެވެ.
ތިއާގޯ ސިލްވާގެ އެޖެންޓް ބުނީ، ބައެއް ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން އެކްލަބާ ވެސް މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އަދި ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމާ މެދު އަންނަ މަސް ނިމުމުން ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ބުންޏެވެ.