ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވި މަޖިލީސް ދެ މެމްބަރުންނަށް ރައީސުލް ޖުމްހޫރިިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަންޑަހެލުގެ ލަގަބު އަރުވައިފި އެވެ.

ރޭ ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިން ދަންޑަހެލުން އެބަތިއްބެވި ކަމަށާއި އެދަންޑަހެލުންނާ އެކު ޕީޕީއެމްގެ ކަޅުއޮށްފުންމި ދާނީ ބާރަށް ގަދަ ކަނޑުގައި އަމާން ކަމާއެކު ދަތުރު ކުރަމުން ކަމަށެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ އަތުން އެ ޕާޓީގެ ބާރުތައް އަތުލުމަށް ސިވިލް ކޯޓަށް މަައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އެ ދެބޭފުޅުންނަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ދެބޭފުޅުންނަކީ ދުވާފަރު ދަންޑަހެލުން ފަދަ ބޭފުޅުން ކަމަށެވެ.

"މިރޭ އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑުމެންގެ ކަޅުއޮށްފުންމި އަށް ހަމަޖެހިގެން މިދިޔައީ ތިން ދަންޑަހެލުން. އެއީ ދުވާފަރުން ދަންޑަހެލަކާ ސ. އަތޮޅު ހުޅުދޫން ދަންޑަހެލަކާ އަދި ޅ. އަތޮޅު ފާދިއްޕޮޅުން ދަންޑަހެލަކާ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގެވުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ ޝާހިދާއި، ޝިޔާމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައެއްގެ ސަބަބުންނެވެ.

ޕީޕީއެމް އަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޕާޓީއެއްކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ކަމެއް ބަލަހައްޓައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ޚިލާފަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުކުމްގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.