13 Nov 2016, 00:58
ޕީޕީއެމްގެ ކަޅުއޮއްފުންމި ދަތުރުކުރަމުން ދަނީ ގަދަ ކަނޑުގެ ތެރޭގައި ބޮޑު ގުރުބާނީއެއް ވަމުން ކަމަށާއި، އަދިވެސް ކަނޑު އަމާން ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ިރޭ ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަޅުއޮއްފުންމީގައި ދަތުރު ކުރަމުން ދާއިރު ކަނޑު އަމާން ނުވިނަމަވެސް ޕީޕީއެމްގެ މިސްރާބާއި އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ޕީޕީއެމްގެ ސަރުކާރުން ގެންނަމުން ދާ ތަރައްގީއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން މިއަދު ބަޖެޓުން ޖާގަ ހޯދަނީ އާދައިގެ ކްލާސް ރޫމެއް އިތުރު ކުރަން ނޫން ކަމަށާއި، ބަޖެޓުން ޖާގަ ހޯދަނީ ބޮޑެތި ޕްރޮޖެކްޓް ތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންގެ ބަޖެޓު ތަކުން ޖާގަ މި ހޯދަނީ ބޮޑެތި އެއާޕޯޓު އެކި ސަރަހައްދު ތަކުގައި އަޅަން. ފެނާއި ނަރުދަމާގެ އަގު ބޮޑު މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ކުދި ބޮޑު ހުރިހާ ހިސާބެއްގަ އަޅަން. އަދި ބަނދަރު ހިއްކުމާ ބިން ބޮޑު ކުރުމާ ގެދޮރު އެޅުމާ މިކަހަލަ އެތައް ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވަނީ ބާރު ދުވެލީގައި ރާއްޖެ ކުރިއަރައި ދާން ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް ދުވަސްވެފައި އޮތް ސާރިދޯޅެއްގެ ލަސްކަން މަތީގައި ތިބެވޭކަށް ޖާގައެއް. އަޅުގަނޑުމެން ޖާގަ ހޯދަން މިޖެހެނީ ޅަނދޮޅު ފުއްލާގެ ބާރު ސްޕީޑުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުވަސްވެފައި އޮތް "ސާރިދޯޅަ" އެއްގެ ސްޕީޑުގައި ގައުމުގެ ތަރައްގީ ކުރިއަށް ގެންދަން ޖެހޭނަމަ ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށްވުރެ ކުރިއަރައި ގޮސް، ރާއްޖެ ސަފުން ބާކީވެގެން ގޮސް ޝިކާރައަކަށް ވެގެން ދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ވުމަކީ އެމަނިކުފާނު އެދޭގޮތް ނޫން ކަމަށާއި ބޭނުންވަނީ އެހެން ތަންތަނުގެ ފަހަތުން ގޮސް ޝިކާރަ ކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.