ކޮންމެ ދުވަހަކު ކީރިތީ ޤުރްއާނުގެ އިނގިރޭސި ތަރްޖަމާ ކިޔަވައި ވިދާޅުވާ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު އަދި ޢިރާޤު ހަނގުރާމައިގެ އެއް މޭސްތިރި ކަމަށްވާ ޓޯނީ ބްލެއާ ވިދާޅުވެއްޖެވެ.

ބްލެއަރ އާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ޑެއިލީ މެއިލް ބުނިގޮތުގައި އޭނާ ކީރިތި ޤުރްއާނުގެ ތަރްޖަމާ ކިޔަވައި ވިދާޅުވަނީ ގްލޯބަލައިޒްޑް ވޯލްޑް ނުވަތަ ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅެމުންދާއިރު ދީނުގެ ބައި އެނގިގެން ހުރުމުގެ މުހިއްމުކަމުގެ ބޮޑުކަމުން ނެވެ.

ބްލެއާ ވިދާޅުވިގޮތުގައި ކޮންމެ ދުހަކު ދުނިޔެއިން ފެންނަމުންދާ ކަންތައްތަކާ އަދި ޢަމަލީ ހަޔާތުގައި ކުރިމަތިވާ ކަންތައްތައް ރަނގަނޅަށް ފަހްމު ވުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުގެ ތަރްޖަމާ ކިޔެވުން ވަރަށް މުހިއްމެވެ.

ބްލެއަރ އަކީ އދ.، އެމެރިކާ، ރަޝިޔާ އަދި ޔޫރަޕްގެ އިއްތިޙާދު ހިމެނޭ މެދުއިރުމަތީގެ ސުލްޙައިގެ ކުއާޓެޑް ކޮމިޓީގެ މަންދޫބު ކަމުގެ މަޤާމް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަޤާމް އަދާކުރައްވާއިރު ކުރިމަތިވެވަޑައިގަންނަވާ ކަންތައްތައް ފަހްމު ވުމުގައިވެސް ކީރިތި ޤުރްއާނުގެ ތަރްޖަމާ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ބްލެއާ ވިދާޅުވިއެވެ.

ޢިރާޤާ ދެކޮޅަށް އެމެރިކާ އިސްވެއޮވެގެންކުރި އަނިޔާވެރި އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގާ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝް ގެ ފަހަތުގައި ހުންނެވުމުގެ ސަބަބުން އިސްލާމީ ދުނިޔޭގައާއި އަދި ހުޅަނގުގެވެސް ސުލްޙައަށް ލޯބިކުރާ ފަރާތްތަކުގެ ކުރިމަތީގައި ބްލެއަރގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފައެވެ.

ބްލެއާ ގެ އަގު އެންމެ ބޮޑަށް ވެއްޓިގެން ދިޔައީ ޢިރާޤަށް އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ ބުޝްއާ ގުޅިގެން ބްލެއާ ހެއްދެވި ބޮޑެތި ދޮގުތަކުގެ ސަބަބުންނާއި ޢިރާޤު ހަނގުރާމައިގާ މުޅި ޢިރާޤު ހަލާކުވެ ޢިރާޤުގެ ކުށެއްނެތް އެތަށް ލައްކަބަޔަކު މަރުވެ ޒަޚަމްވުމުގެ ސަބަބުންނެވެ.

ޢިރާޤު ހަނގުރާމައިގާ އިނގިރޭސިވިލާތް ބައިވެރިކުރި މައްސަލައާއި ބްލެއަރ ދޮގުހެއްދެވި މައްސަލަ ބެލުމަށްޓަކައި އިނގިރޭސިވިލާތުގައި ވެސް ތަޙްޤީޤް ތަކެއް ހިންގައި އެކަމާބެހޭ ކޮމިޓީގެ ކުރިމައްޗަށް ބްލެއާ ޙާޒިރު ކޮށްފައިވެއެވެ.
ބްލެއާ އަކީ ނަސާރާ އެއްކަމަށްވިޔަސް އޭނާ، ނަސާރާއިންގެ ކެތަލިކް މަޒްހަބް ޤަބޫލުރެއްވީ 2007 ގައި އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހުގަ އެވެ.

އެމެރިކާގެ ހަރުކަށި ނަސާރާ ފާދިރީ އެއްކަމަށްވާ ޓެރީ ޖޯންޒް މިދިޔަ އަހަރު ކީރިތި ޤުރްއާން އަންދާލުމަށް ފާޅުގައި ގޮވާލުމުން ބްލެއާ އެކަމަށް ދެކޮޅު ހައްދެވިއެވެ. އަދި ކީރިތި ޤުރްއާން އެންދުމުގެ ބަދަލުގައި އެމުޤައްދަސްފޮތް ކިޔައި މުތާލިޢާ ކުރުމަށް ބްލެއާ ޓެރީ ޖޯންޒަށް ގޮވާލައްވާފައިވެއެވެ. -- ޔޫބީއައި