މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ތ. ތިމަރަފުށި ބަލިކޮށް، ބ. އޭދަފުށިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ތިމަރަފުށީގެ މައްޗަށް އޭދަފުށިން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ފަސް މިނެޓްތެރޭ ތިމަރަފުށިން ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ހޯދާފައިވެ އެވެ. އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑަންކުއާ ޑޭވިޑް އޮފޯރީ ފޮނުވާލި ހަމަލާ އަމާޒުވީ އޭދަފުށީ ކީޕަރު އަބްދުﷲ ޒިޔަޒަންގެ އަތަށެވެ.

މެޗުގެ ދިހަ ވަނަ މިނެޓުގައި އޭދަފުށިން ވަނީ އެ ޓީމުގެ ފުރަތަމަ ހަމަލާއިން ގޯލެއް ޖަހައި ލީޑު ހޯދައިފަ އެވެ. އޭދަފުށްޓަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާމީ އިބްރާހިިމެވެ. ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި އެ ހަމަލާ ގޯލަށް ވަދެފައިވަނީ ކީޕަރު މުހައްމަދު ޝަރުހާންގެ ބޯމަތިންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތިމަރަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށި: ފައިނަލް މެޗުން އޭދަފުށި މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގައި އޭދަފުށްޓަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އޭދަފުށީގެ ހުސައިން ޝިފާހު އާއި އިޝާން އިބްރާހިމަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ދެވަނަ ހާފުގެ ފަހުކޮޅު ތިމަރަފުށިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތެއް ކުރި ނަމަވެސް، އޭދަފުށީގެ ގޯލު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި އޭދަފުށްޓަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. މުހައްމަދު ފާސިރު ނަގައިދިން ހުރަހަކުން ތިމަރަފުށީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ހުސައިން ޝިފާހު ބޮލުން އުފެއްދި އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ތިމަރަފުށްޓަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަޒުހަދު އަލި މަނިކު ދިން ބޯޅައެއް ހިފައިގެން އޭދަފުށީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އަހްމަދު ހައިލަމް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުުގެ ރަނަރަޕް ތިމަރަފުށީ ޓީމަށް މެޑެލް ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގާއި ސްޕޯޓްސް ކޮމިޝަނަަރު އަހްމަދު ނަޝީދު (ޑޭވް) އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް ވާދައިގެ ތަށްޓާއި މެޑެލް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.