ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި އުޅުއްވާ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނާއެކު ކުރިއަށް ވަޑައިގަންނަވާނަމަ ރާއްޖެ އަނދިރި ވަޅުގަނޑަކަށް ވެއްޓޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ މައުމޫންގެ ފަހަތުގައި މިހާރު ތިއްބެވި ބޭފުޅުންނާ އެކު ކުރިއަށް ވަޑައިގަންނަވާނަމަ އެމަނިކުފާނު ވިދާޅުވިފަދަ ވަޅުގަނޑަކަށް ރާއްޖެ ވެއްޓިގެންދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ތިޔަ ވިދާޅުވާ ކަހަލަ ވަޅުގަނޑަކަށް ތިޔަ ވަޑައިގަންނަވާ ދިމާލަށް ވަޑައިގަންނަވަންޔާ އެކީގަ ތި އުޅުއްވާ ބޭފުޅުންނާއެކު ވަޑައިގަންނަވަންޏާ ހަމަ ތިޔަ ވިދާޅުވާ ކަހަލަ ވަޅުގަނޑަކަށް އަޅުނގަޑުމެންގެ ރާއްޖެ ވެއްޓުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" އަދުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް މައުމޫން ހުކުރު ދުވަހު ނެރުނު ހިތޯބުގައި ވިދާޅުވީ، ސިޔާސީ ޕާޓީ ތަކުގެ އިންތިޚާބީ ރައީސުންގެ އަތުން ޕާޓީ ހިންގުމުގެ ބާރު ނިގުޅައިގަތުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރާއްޖޭގެ ދިމުޤްރާތީ ނިޒާމަށާއި ރާއްޖޭގައި އުފެދިފައިވާ ހުރިހައި ސިޔާސީ ޕާޓީތަކަށް ވެސް ކުރިމަތިވާ ވަރުގަދަ ގޮންޖެހުމެއް ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީގެ ދިފާއުގައި، އެންމެން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށާއި އެ މަސައްކަތް ނުކޮށްފިނަމަ ރާއްޖެ އަނދިރި ވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށް އެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވަނީ ވަރަށް ބޮޑު ހަގީގަތެއް ކަމަށް ފާހަގަކުރައްވާ ޖަލްސާގައި ވާހަކަފުޅުދައްކައްވަމުން އަބްދުއްރަހީމު ވަނީ، ވަޅުގަނޑަށް ރާއްޖެ ވެއްޓުމުގެ ކުރިން ރައީސް ޔާމީން އަދި ޕީޕީއެމްގެ މުޝްތަޝާރާ ގުޅިވަޑައިގެން ރައީސް މައުމޫން މަސައްކަތްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.