ދިވެހިންގެ ތެރޭގައި މިއަދު ފެޝަނަކަށް ވެފައިވާ ޝީޝާއަކީ އެހެން ގައުމުތަކުގެ ސަގާފީ ގޮތުން ހެދިފައިވާ ގޯހެކެވެ. ޒަމާނުންސުރެ ޝީޝާ ޕުރޮމޯޓް ކުރަމުން އަންނަނީ އެއީ ގެއްލުމެއް ނެތް ނުވަތަ ގެއްލުން ކުޑަ އިސްތިއުމާލެއްގެ ގޮތުގަ އެވެ. ސަބަބެއް ކަމަށް ބުނަނީ ފެނުން ފިލްޓާކުރެވޭތީ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއްނޫނެވެ. އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ.

"ޝީޝާ އެއްގަޑިއިރު ވަންދެން ބޭނުންކުރީމާ ނޫނީ ބައިގަޑިއިރުވިޔަސް އެ އެއްވަރު ސިނގިރޭޓުގެ އެއްފޮށި އެއްގަޑިއިރު ތެރޭ ބިއުމެކޭ،" ޑރ. އުސާމާ އުމަރު ވިދާޅުވި އެވެ.

ޝީޝާގައި ބޭނުން ކުރާ ޗާކޯލްގެ ސަބަބުން ދުންފަތް ހޫނު ވެގެން ދާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި އޭގެ ސަބަބުން މަތީ އަދަދަކަށް ކާބޮން މޮނޮކްސައިޑް އާއި ދަގަނޑު އަދި ކެންސަރު ޖެހޭ ފަދަ ވިހަތައް އިންސާނާގެ ހަށިގަނޑަށް ދެ އެވެ.

"ޝީޝާ ދަމާލާފައި ނެރޭ އިރު ފެންނާނެ ދެއްތޯ ވަރަށް ބައިވަރު ފުދޭވަރަކަށް ގިނަ ދުން، އެދުން މިދަނީ ހަށިގަނޑުގެ ތެރެއަށް، އެއީ ވަރަށް ނުރައްކާ އެއްޗެއް،" ޑރ. އުސާމާ ވިދާޅުވި އެވެ.

ޝީޝާ އެކޭ އެއްގޮތަށް އީ ސިނގިރޭޓު ވެސް އިސްތިހާރު ކުރަމުން ގެންދަނީ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގަ އެވެ. ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަންނަ ބައްޓަންތަކަށް ހަދައި ފުޅާދާއިރާއެއްގައި ވިއްކަމުންގެންދާ އީ ސިނގިރޭޓުގެ ނުރައްކާ ވެސް ބޮޑެވެ. ދުންފަތް އެކުނުލެވޭ ވާހަކައާއި ގެއްލުން ކުޑަކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއްނެތެވެ.

އެމެރިކާގެ ޖާނަލް އޮފް އެޑިކްޝަން މެޑިސިއިން ހެދި ދިރާސާއަކުން ދައްކާގޮތުން އީސިނގިރެޓުގައި އާއްމުކޮށް ހުންނަނީ ފްލޭވަރިން އާއި އާދައިގެ ސިނގިރެޓުގައި ވެސް ހިމެނޭ ދެވި ހިފާ މާއްދާ ކަމަށްވާ ނިކޮޓިން ހިމެނޭ ދިޔާ ފްލުއިޑެކެވެ. ނިކޮޓިން އަށް ދެވި ހިފާފައިވާ މީހަކު ބޭނުން ކުރުން ހުއްޓާލުމުން "ވިތްޑްރޯވަލް އިފެކްޓްސް"އާ ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަނަށް ދިޔުމާއި، ނިދި ގެއްލުން އަދި އާދައިގެ ކަންތަކާ މާބޮޑަށް ހާސްވުން ހިމެނެ އެވެ.

ސިއްހީ ނުރައްކާ ވަރަށް ބޮޑު!

ސިއްހީ މާހިރުންގެ ދިރާސާތަކާއި ޝީޝާ ބޭނުންކުރި ފަރާތްތަކުގެ ތަޖުރިބާއަށް ބަލާއިރު އެއީ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ އެންމެ ނުރައްކާ އެއްވައްތަރެވެ. ނަތީޖާއެއްގެ ގޮތުން ފުރާނަ ގެއްލޭ އެތައް ބައްޔެއްޖެހެ އެވެ. އޭގެ ތެރޭގައި ޒުވާންކަމުގެ ބާރު ދަށް ވުމާއި ނުރައްކާ ކެންސަރުގެ ވަބާ ހިމެނެ އެވެ.

ޑރ. އުސާމާ ސަންއަށް އިންޓަވިއޫ ދެއްވަނީ--

"ޅައުމުރުގައި އެބައިން ހައި ރިސްކެއް، ސުޓްރޯކް ޖެހުމާއި ސިނގިރޭޓު ޖެހުމުގެ ސަބަބުން ވެދާނެ، ލޭނާރަށް ޑެމޭޖް އަންނާނެ، ކޮލެސްޓުރޯލްގެ ސަބަބުން ސިނގިރޭޓުގެ ސަބަބުން،" ޑރ. އުސާމާ ވިދާޅުވި އެވެ.

އަންހެނުންގެ މެދުގައި ވެސް ޝީޝާ އާއި އީ ސިނގިރޭޓް ވަނީ ފެޝަނަކަށް ހަދައިފަ އެވެ. ދިރާސާތައް ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކަން ކުރާ ފިރިހެނުންނަށް ވުރެ ނުރައްކާ މާ ބޮޑު ބޮޑެވެ. ދަރިމައިވުމުގެ މައްސަލަތައް ބޮޑެވެ.

"މިސާލަކަށް ބަނޑުބޮޑުވީމާ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެދާނެ، ބަނޑުބޮޑުވުމުން ނޭވާލާން ދަތިވެދާނެ، ފަހަރެއްގައި ޗާންސެއް އިނދެދާނެ ސިޒޭރިއަންއަކަށްދާން، އެއީ އެހާ ބުންވަރު ނުހުންނާތީ ޕުޝްކުރަން ވެސް،"

އެމެރިކާގެ ޖާނަލް އޮފް އެޑިކްޝަން މެޑިސިންގައި ބުނެފައިވާ ގޮތުން އީ ސިނގިރޭޓުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތި ވުމާއި ފިޓު ޖެހުމާއި، މޭގައި ރިއްސުމާއި، ހިތް އަވަސް ވުމަށް މަގު ފަހިވުން ހިމެނެ އެވެ.

އިސްތިހާރު ކުރުން އާންމު،

ސޯޝަލް މީޑިއާތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ޝީޝާ އިސްތިހާރު ކުރުމަކީ މިހާރު އާންމު ކަމެކެވެ. ބައެއް ރެސްޓޯރެންޓްތަކުން އެރެސްޓޯރެންޓެއްގެ ނަން އިސްތިހާރުކުރާ އިރު ސީދާ ޝީޝާ ބޭނުން ކުރެ އެވެ. އަދި ބައެއް ކުޅިވަރުތަކާއި ޒުވާނުންނާއި ގުޅުން ހުރި އެކިއެކި ކަންކަމުގެ ތެރެއިން ވެސް ޝީޝާ އިސްތިހާރު ކުރުމަކީ އާންމު ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނަނީ ދުންފަތް އިސްތިހާރު ކުރުމަކީ މަނާ ކަމަކަށްވާ އިރު އެކި ގޮތްގޮތަށް ޝީޝާ ޕުރޮމޯޓް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަފައިވާނެ ކަމަށެވެ.

ކޮންމެ އަކަސް ފެޝަނަކަށް ހަދައި އާންމުވެފައި ވަނީ ނުބައި ވަބާއެކެވެ. ގެއްލުން ކުޑަ ކަމެއްކަމަށް ބުނެ އެތައް ބަޔަކު އެވަނީ އެމަޅީގައި ޖައްސައިފަ އެވެ. ނަމަވެސް އެއީ ހަގީގަތެއްނޫނެވެ. ފެޝަނަކަށްވެފައިވާ އެ އިސްތިއުމާލުގެ ސަބަބުން ދިރިއުޅުމަށް އެތައް ގޮންޖެހުންތަކެއް އެބަކުރިމަތި އެވެ. އަވަހަށް އެކަން ހުއްޓާލަންޖެހެ އެވެ.