12 Nov 2016, 23:02
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ގައުމަށް ސުލްހަ މަސަލަސްކަން ހޯއްދަވައިދެއްވައިފި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިރޭ ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މަޝްރަހު މިއަދު އޮތީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އޮތް ގޮތަށް ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ގިނަ މަސައްކަތްޕުޅާ އެކު ގައުމަށް ސުލްހަ މަސަލަސްކަން ހޯއްދަވައިދެއްވައި ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމަނިކުފާނު މަސައްކަތް ޕުޅު ކުރައްވަމުން އެ ގެންދަވަނީ ގައުމުގަ ހުރި މައްސަލަތަކަށް، ފަހަރެއްގައިވެސް އިދިކޮޅު ފަރާތްތަކަކުން ނުވަތަ އިދިކޮޅު ފަރާތްތަކަށް ދެއްވާނެ ރައްދަކަށް ބައްލަވައިގެންނެއް ނޫން. އެ މަނިކުފާނު މަސައްކަތް ކުރައްވަނީ މައްސަލަތައް ހައްލުކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދުވެސް ގައުމަށް އިހްލާސްތެރި ބޭފުޅުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި އެކަމަކީ ރައީސް ޔާމީނަށް 2018 ކާމިޔާބު ވާނެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީނަކީ ގައުމެއް ބިނާ ކުރުމުގެ ހިތްވަރާއި "ގަޓު" ހުރި ބޭފުޅެއް ކަމަށާއި، އެމްޑީއޭއިން 2013 ވަނަ އަހަރު ރައީސް ޔާމީނާ އެކު ކޯލިޝަން ހެދީ އެ ސަބަބަށްޓަކައި ކަމަށެވެ.
މައުރޫފް ވިދާޅުވީ 2018 ގައި ރައީސް ޔާމީނަށް 80 ޕަސަންޓު ވޯޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ގައުމުގެ ހައްގުގަޔާއި ދީނުގެ ހައްގުގައި ރައީސް ޔާމީނަށް 2018 ހޯއްދަވައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުރާކުނުން ފެށިގެން މާލެއާ ހިސާބަށް އިރާދަފުޅު ކުރެއްވިއްޔާ ތިބޭފުޅާއަށް 80 ޕަސަންޓު ވޯޓު ހޯދައިދޭނަން އަޅުގަނޑުމެން. މި އަޒުމުގަ މިތިބީ،" މައުރޫފު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އިތުރަށް ނުވިސްނާ 2018 މަތިން ހަނދާން ނައްތާލުމަށް މައުރޫފް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދި ވަޑައިގެންނެވި އެވެ.