ކަނޑުމަތީ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރުމަށް ދެ އުޅަނދެއް ލަންކާއިން ރާއްޖެ ގެނެސްފި އެވެ.

އިއްޔެ ރާއްޖެ ގެނައި އިންޓާސެޕްޓާ ކްރާފްޓްގެ ދެ އުޅަނދަކީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ ފަސް އުޅަނދުގެ ތެރޭގައި ހިމެނޭ ދެ އުޅަނދެވެ.

އިންޓާސެޕްޓާ ކްރާފްޓަކީ ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަންތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހާއްސަ ކުރެވިފައިވާ އުޅަނދެކެވެ.

ޖުމްލަ 8.3 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ބަންނަ އެ އުޅަނދުތައް 15 މަސް ދުވަހުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދޭންވަނީ ހަމަޖެހިފައިވާ ކަމަށްވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައި ބޭނުންކުރަން ހަމަޖެހިފައިވާ އެ އުޅަނދުގެ ބާކީ ތިން އުޅަނދު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށެވެ.