ހދ. ކުޅުދުއްފުށީ ބަޔަކު އިސްނަގައިގެން އެ ރަށުގެ އުތުރުކޮޅުގައި "ކަރިންބެ ރުއްގަނޑު"ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދުގައި ސަގާފީ ޕާކެއް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ އުތުރުކޮޅުގައި އޮންނަ އެ ސަރަހައްދު "އާރާމު ބަގީޗާ" ގެ ނަމުގައި ހުޅުވައި ދެއްވީ އެރަށުގެ ކުރީގެ ކަތީބުކަން ކުރެއްވި މޫސާ އަލީ އެވެ.

އެ ޕާކު ގާއިމްކުރުމުގެ މަސައްކަތުގައި އުޅުނު ޒުވާނަކު ބުނީ އެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ކަމަށެވެ. އެ މަސައްކަތަށް ޚަރަދުކޮށްފައި ވަނީ އެތަން ހެދުމުގައި އުޅުނު މީހުންނާއި ރަށުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމާދު ކުރާ ތަނަކާއި، ބާބަކިއު އޭރިއާއެއް ހިމެނޭ އެތަން އިއްޔެ ހުޅުވާފައިވަނީ އެރަށު އާޕޮއިންޓު ފިހާރައިން ސްޕޮންސާ ކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރަކާ އެކުގަ އެވެ. އެ ބަގީޗާގައި ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް އިށީންދެވޭ ގޮތަށް ޖޯލިފަތީގެ އިތުރުން އުނދޯލި ބަހައްޓާފައިވާއިރު، ކުޑަކުދިންނަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި އޭގެ އިތުރުން އެ ޕާކުގައި މަސްފެންގަނޑެއްވެސް ހަދާފައިވެ އެވެ.

އޭނާ ބުނީ އެޕާކު ހެދާފައި ވަނީ އެރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ކަމަށާއި އެފަދަ ޚިޔާލެއް އައީ ރަށުގައި ހިތްފަސޭހަކޮށްލަން ދާނެ ތަނެއް ނެތުމުން ކަމަށެވެ.