12 Nov 2016, 18:09
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގެ ޖާގަތައް ހެންވޭރާއި، ސ. ފޭދު އާއި، ތ. ތިމަރަފުށި އަދި ގދ. މަޑަވެލި ހޯދައިފި އެވެ.
އެ ޓީމުތަކުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ރޭ ކުޅުނު އެ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.
ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ކ. ގުރައިދޫ އަތުން ހެންވޭރު މޮޅުވެފައި ވަނީ 6-2 ލަނޑުންނެވެ. ހެންވާރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އާރިޝް އާއި، އަބްދުﷲ އަލީ އާއި، ރީހާން މުހައްމަދާއި، މުހައްމަދު ނާފިއު އާއި، އިބްރާހިމް ރިޒްވާން އަދި ރިހާމް އަބްދުލްގަނީ އެވެ. ގުރައިދޫގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދީފައި ވަނީ ޝަމާއު އެވެ.
ކުއާޓާގެ ދެ ވަނަ މެޗުގައި ހއ. ވަށަފަރު އަތުން ފޭދޫ މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ. ފޭދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ އާއި އިބްރާހިމް ލަތީފެވެ. ވަށަފަރުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޝިނާން އެވެ.
ކުއާޓާގެ ތިން ވަނަ މެޗުގައި ރ. ދުވާފަރު އަތުން ތިމަރަފުށި މޮޅުވެފައި ވަނީ 5-1 ލަނޑުންނެވެ. ތިމަރަފުށްޓަށް އަބްދުﷲ ޒިޔާން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އިބްރާހިމް އަސްވަދާއި އިބްރާހިމް ޝިނާން ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ދުވާފަރުގެ ހުސައިން ޖަލީލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ދުވާފަރުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުނައިފް އެވެ.
ކުއާޓާގެ ފަހު މެޗުގައި މ. ދިއްގަރު އަތުން މަޑެވެލި މޮޅުވެފައި ވަނީ 4-1 ލަނޑުންނެވެ. މަޑަވެލީގެ ޒައްމަތު މުހައްމަދު ވަހީދު ހެޓްރިކެއް ފުރިހަމަކުރި އިރު، އެ ޓީމުގެ ނާއިފް ޝަފީގު ވެސް ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ. ދިއްގަރުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާޖިދު އެވެ.
އެ މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ހެންވޭރާއި ފޭދޫ ބައްދަލުކުރާ އިރު، ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ތިމަރަފުށްޓާއި މަޑަވެއްޔެވެ. ސެމީގެ މެޗުތަކުން މޮޅުވާ ދެ ޓީމަށް އަންނަ އަންގާރަ ދުވަހު ކުޅޭ އެ މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނެ އެވެ.
ޖުމްލަ 50 ޓީމާ އެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.