13 Nov 2016, 12:08
އަންނަ އަހަރުގެ ޖެނުއަރީ 14ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ސަން މީޑިއާ ގްރޫޕްގެ ފަރާތުން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ފަރާތުން މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާރްތަކުން އެކަމަށް އެދިމިއަދުން ފެށިގެން 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުސަތު ހުލުވާލާފައިވާ ވާހަކަ ދަންނަވަމެވެ.
ސަން މީޑިއާގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން އެދޭ ފަރާތަކީ، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެއްވެސް މަސައްކަތެއްގައި އުޅޭ ފަރާތަކަށް ވެގެން ނުވާނެ އެވެ.
މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނީ، މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
މޮނިޓަރަކަށް ވާން އެދޭ، މަޢުލޫމާތު ފުރިހަމަކުރުމަށް ފަހު، ކުލަކޮށް ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (JPEG ފޯމެޓްގައި) ހުށަހަޅަން ވާނެ އެވެ. އަދި ތިން މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ، ޕްލޭން ބެކްގްރައުންޑެއްގައި ނަގާފައިވާ ސާފު ކުލަ ފޮޓޯއެއް، (JPEG ފޯމެޓްގައި އަދި ރިޒޮލިއުޝަން 600Dpi ގައި) ހުށަހަޅަން ވާނެ އެވެ. އަޕްލޯޑްކުރާ ފައިލްތަކުގެ ސައިޒު 1މެގަބައިޓަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ "މޮނިޓަރ ކަމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށް ފަހު ފުރިހަމަކޮށް، ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި) ހުށަހަޅަން ވާނެއެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާ ނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ސަންގެ މޮނިޓަރަކަށް ވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.