ޔުނިވަރސިޓީ އޮފް ނޮޓިންގހަމް މެލޭޝިއާ ކެމްޕަސްގައި ބޭއްވި ނޭޝަންސް ކަޕް 2016ގައި ވާދަކޮށް، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ.

މިފަހަރުގެ ނޭޝަންސް ކަޕްގައި، އެ ޔުނިވަރސިޓީގައި ތައުލީމު ހާސިލްކުރަމުންދާ 40 ދިވެހި ދަރިވަރުން ވަނީ، ޖުމުލަ 24 ކުޅިވަރެއްގައި ވާދަކޮށް، އެއް ރަން މެޑައްޔާއި، ދެ ރިހި މެޑަލްގެ އިތުރުން އަށް ރަންވަންލޯ މެޑަލް ހޯދައިފައެވެ.

ނޮޓިންގހަމް ޔުނިވަރސިޓީގެ މެލޭޝިއާ ކެމްޕަސްގައި ކިޔަވާ ދިވެހި އަންހެން ދަރިވަރުން ބައިވެރިވި ބިލިއަރޑް މެޗެއްގެ ތެރޭން-- ފޮޓޯ: ދި-ނޮޓްސް

ނޮޓިންގހަމް ޔުނިވަރސިޓީގައި ކިޔަވާ އެކި ގައުމުތަކުގެ ދަރިވަރުންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ މިމުބާރާތުގައި، މިފަހަރު 27 ގައުމެއްގެ ދަރިވަރުން ވާދަކޮށްފައި ވާއިރު، ދިވެހި ދަރިވަރުންނަށް ވަނީ މުޅި މުބާރާތުން ހަތަރުވަނަ ލިބިފައެވެ.

ދިވެހި ޓީމުގެ ކާމިޔާބީތައް:

  • ބްރޮންޒް މެޑަލް
    • ފްރީސްބީ (މިކްސްޑް)
    • ބާސްކެޓްބޯލް (އަންހެން)
    • ނެޓްބޯލް (އަންހެން)
    • ފުޓްސަލް (އަންހެން)
    • ވޯޓަރ ޕޯލޯ (އަންހެން)
    • ސްވިމިންގ މެޑްލީ ރިލޭ (އަންހެން)
    • ސްވިމިންގ ފްރީސްޓައިލް ރިލޭ (ފިރިހެން)
    • ބިލިއަރޑް (ފިރިހެން)
  • ސިލްވަރ މެޑަލް
    • ބިލިއަރޑް (އަންހެން)
    • ބެޑްމިންޓަން (އަންހެން)
  • ގޯލްޑް މެޑަލް
    • ބިލިއަރޑް (އަންހެން)

ނޮޓިންގހަމް ޔުނިވަރސިޓީގެ މެލޭޝިއާ ކެމްޕަސްގައި ކިޔަވާ ދިވެހި އަންހެން ދަރިވަރުން ބާސްކެޓްބޯލް މެޗެއްގެ ތެރޭން-- ފޮޓޯ: ދި-ނޮޓްސް

ނޮޓިންހަމް މޯލްޑިވިއަން ސޮސައިޓީގެ ރައީސް މަރިޔަމް ފާތިކާ ފަޔާޒް ވިދާޅުވީ، ރާއްޖޭން ބޭރުގައި ކިޔަވާން ތިބޭ ދަރިވަރުން ތަކަކަށް މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވެ ކާމިޔާބީތަކެއް ހޯދުނީ، އެ ދަރިވަރުންނާއި އަދި، ރާއްޖޭގެ ޖަމާއަތެއް ކަމަށްވާ ބްލެކް ފައުންޑޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

ނޮޓިންގހަމް ޔުނިވަރސިޓީގެ މެލޭޝިއާ ކެމްޕަސްގައި ކިޔަވާ ދިވެހި ދަރިވަރުން -- ފޮޓޯ: ދި-ނޮޓްސް

މިފަހަރުގެ ނޭޝަންސް ކަޕްގައި ދިވެހި ދަރިވަރުންގެ ސްޕޮންސަރަކީ، ބްލެކް ފައުންޑޭޝަން އެވެ.