މާލޭގައި މަރުވާ މީހުން ހުޅުމާލެއަށް ވަޅުލަން ގެންދިއުމަށް އާ ފެރީއެއް ތައްޔާރު ކުރެވިއްޖެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެކަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން، މާޗް މަހުން ފެށިގެން ހުޅުމާލޭ ސަހަރާގައި ވަޅުލުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް ފެރީ މައްސަލަޖެހުމުން މިހާރު ދަނީ އާސަހަރާ މިސްކިތުގައި މީހުން ވަޅުލަމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ ގަބުރު އުފުލުމަށް އާ ފެރީއެއް ބަނދެ ތައްޔާރުކޮށްފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މާލެއިން މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް އެއްކޮށް ބަދަލުކުރާނެ ކަމަށެވެ.

"އަނެއްކާވެސް ވަރަށް އަވަހަށް ހުޅުވާލެއަށް މީހުން ވަޅުލުމުގެ ކަންކަން ބަދަލު ކުރެވޭނެ، ހަގީގަތީ މާލޭގައި ޖާގައެއްނެތް،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗާއި އެޗްޑީސީ އަދި އިސްލާމިކް މިނިސްޓްރީން ގުޅިގެން ކުރާ އެކަންތައް ދެން ފައްޓާނީ ނުހުއްޓި ކުރިއަށްގެންދެވޭގޮތަށް ކަމަށެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން، ކުރިން ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލުގައި ނިޔާވާ ފަރާތްތައް އެމްބިއުލާންސްގައި މައްޔިތާ އުފުލާފެރީ އޮންނަ ސަރަހައްދު ކަމަށްވާ ނަސަންދުރާ ކުރިމައްޗަށް 60 ރުފިޔާއަށް ގެންގޮސްދޭނެ ކަމަށެވެ. ހަމައެހެންމެ އެމްޓީސީސީގެ ފެރީގައި މައްޔިތާ 608 ރުފިޔާއަށް ހުޅުލެއަށް ގެންގޮސް ހުޅުލެއިން ވެހިކަލެއްގައި 160 ރުފިޔާއަށް ހުޅުމާލޭ ސަހަރާއަށް ގެންދެވޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދައިން ކަވަރުކޮށްދޭ ފަރާތްތަކަށް އެކަންކަމަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، އެހެން ފަރާތްތަކުން ފައިސާ ދެއްކުމުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އެޗްޑީސީއިން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެވެ.