އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަކޮށްފައި ވާތީ، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ތިއްބަވާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވަނީ، ސަރުކާރުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުގެ ބަޖެޓު އަހަރުން އަހަރަށް ކުޑަކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބަކީ މުއައްސަސާތަކުގެ މަސައްކަތް ނުކުރެވޭ ވަރު ކުރުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އީވާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮރަޕްޝަނުން ބަލަން ފެށުމުން އެ ކޮމިޝަނުގެ ބަޖެޓު ކަނޑާލާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އޮޑިޓަރު ޖެނެރަލް ވެސް އެފަދަ މަސައްކަތްތައް ކުރައްވާ އިރު އެ އޮފީހުގެ ބަޖެޓު ކަނޑާލި ކަމަށް އީވާ ތުހުމަތު ކުރެއްވި އެވެ.

"ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ އިރު މުއައްސަސާތަކަކީ ބާރުތައް ހުރީ ވަކިވެފައިތޯ ކަށަވަރުކުރަން އޮންނަ ބޮޑު ވަސީލަތެއް. ތިޔަ ހައްދަވާ ގޮތަކީ، އެ ވަސީލަތްތަކުގެ ހުރިހާ ފުރުސަތެއް ނިގުޅައިގެންފައި، މަސައްކަތް ނުކުރެވޭ ވަރު ކުރަން. މުއައްސަސާތަކަށް ފާއިތުވި ތިން އަހަރު، އަހަރުން އަހަރަށް ބަޖެޓު ކުޑަކޮށްފައި މަސައްކަތް ނުކުރެވޭ ވަރު ކޮށްފައި ދެން ތިޔަ ވިދާޅުވަނީ އެއީ މަސައްކަތް ކުރާ ބައެއް ނޫނޭ، ލާރިއެއް ދޭނެ ކަމެއް ނެތޭ،" އީވާ ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގައިވާ ނަމަ، އެ މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ވެސް އޮތީ މަޖިލީހަށް ކަމަށާއި، އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ ޖަމީލް އުސްމާން ކޮމިޓީގައި ވިދާޅުވީ، މުއައްސަސާތަކަށް ދޭ ބަޖެޓު ޖުމްލަކޮށް ކުޑަވި ނަމަވެސް، މުއައްސަސާތަކަށް ދީފައި އޮންނަ ބަޖެޓު، އަހަރު ނިމޭ އިރު މުޅިން ބޭނުން ނުކޮށް ފައިސާ ބާކީ ކޮށްފައި ހުންނަ ކަމަށާއި، އެއަށް ވުރެ އެ ފައިސާ ކަނޑާފައި އެހެން ދިމަދިމާލުން ބޭނުންކުރެވޭނެ ގޮތް ހެދެން ޖެހޭ ކަމަށެވެ.

2017 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަހަރު ނިމިގެން ދާ އިރު ބާކީ ފައިސާ ބެހެއްޓުމަށް ވުރެ، ރަށްފުށުގައި އުޅޭ ރައޔްިތުންގެ ތަރައްގީއަށް އެ ފައިސާ ހޭދަކުރުން މާ މުހިންމު،"

އެހެންކަމުން، މިނިވަން މުއައްސަސާތަކުގެ އޮޑިޓެއް ހަދައި، އެތަންތަނަށް ބޭނުންވާ ފައިސާ ފޯކާސްޓު ކުރުމަށް ފަހު، ފައިސާ ބާކީ ނުވާނެ އުސޫލަކުން ފައިސާ ދޭން ޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ސަރުކާރަށް ނިސްބަތްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތުގެ ތަފްސީލުތައް ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން، ބަޖެޓު ކޮމިޓީގައި އަމިއްލައަށް ކަންކަން އަންދާޒާކޮށް، މުއައްސަސާތަކުން މަސައްކަތް ކުރިތޯ ނިންމުމުގެ ބަދަލުގައި އެ މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށްގެން ތަފްސީލުތައް އޮޅުންފިލުވައިގެން ބަލަން ޖެހޭ ކަމަށް އަސްމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއީ ތައްގަނޑު ޖަހައި، ބަޖެޓު ފާސްކޮށްފައި ނެރެން ތިބާ މީހުން. އަޅުގަނޑުމެން ބަލަން ޖެހޭ މިވަރުން ވާނެތޯ. އަދި ކުޑަ ކުރެވެން ހުރި ދިމަދިމާލުން އަދިވެސް ކުޑަކުރެވޭތޯ ބަލަން ޖެހޭ،" އަސްމާ ވިދާޅުވި އެވެ.