އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓާ މެދު މަޝްވަރާ ކުރުމަށް ޓަކައި، މިނިވަން މުއައްސަސާތައް ބަޖެޓު ކޮމިޓީއަށް ހާޒިރު ނުކުރުމަށް ކޮމިޓީ އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި، މިނިވަން މުއައްސަސާތަކަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި ބަހުސް ކުރެވުނު އިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ދިޔައީ މުއައްސަސާތަކުގެ ބަޖެޓު ކުޑަކުރަން ޖެހޭ ކަމަށާއި މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ، މުއައްސަސާތަކުގެ ބަޖެޓު އަހަރުން އަހަރަށް ކުޑަކޮށް، އެ މުއައްސަސާތަކަށް މަސައްކަތް ނުކުރެވޭ ވަރު، ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މުއައްސަސާތަކުގެ ބަޖެޓާ މެދު މަޝްވަރާކުރުމަށް ޓަކައި އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވީ، ބަޖެޓު ކޮމިޓީއަށް މިނިވަން މުއައްސަސާތައް ހާޒިރުކޮށް، އެ މުއައްސަސާތަކާ ބައްދަލު ކުރުމަށެވެ.

އަދި ސަރުކާރަށް ނިސްބަތްވާ، ޕީޕީއެމް މެމްބަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވީ މުއައްސަސާތައް ހާޒިރުކުރުމުގެ ބަދަލުގައި، އެ މުއައްސަސާތަކަށް ދީފައިވާ ބަޖެޓުން މުއައްސަސާތަކުގެ ޒިންމާ އުފުލޭނެތޯ ނުވަތަ ނޫންތޯ ބަލައި، ޖަވާބު ލިބުމުން ފިނޭންސް މިނިސްޓްރީއާ ކޮމިޓީން ބައްދަލުކޮށް، މުއައްސަސާތަކަށް ބަޖެޓުގެ ލުޔެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

ބަޖެޓު ކޮމިޓީގައި ދެ ހުށަހެޅުމަށް ވެސް ވޯޓު ދިން އިރު، ވޯޓުވީ އެއްވަރެވެ. މި ވޯޓުގައި، އެމްޑީޕީ އިން ހުށަހެޅި ގޮތަށް މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމަށް، ސަރުކާރަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވޯޓު ދެއްވިކަން ފާހަގަ ކުރެވެ އެވެ.

ވޯޓު އެއްވަރުވުމުގެ ސަބަބުން ކޮމިޓީގެ މުގައްރިރު، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވޯޓު ދެއްވައި، ނިންމެވީ މުއައްސަސާތައް ހާޒިރު ކުރުމުގެ ބަދަލުގައި ސިޓީ ފޮނުވައިގެން، މުއައްސަސާތަކުން ބުނާ އެއްޗަކާ މެދު ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރާށެވެ.

ބަޖެޓު ކޮމިޓީގެ ބައްދަލުވުމެއް ދެން އޮންނާނީ މާދަމާ ރޭއެވެ. މާދަމާ ރޭގެ ބައްދަލުވުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އޮޑިޓަރު ޖެނެރަލް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.