ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ރާޒުވާ ކުޅުއްވަން އިންނަވަނިކޮށް، ލީބިޔާގެ ޓީވީ ން ދުރަށް ދައްކައިފިއެވެ. ގައްޒާފީގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ޓީވީ ން އިއްޔެ ދުރަށް ދެއްކި މަންޒަރެއްގައި އޭނާއާއެކު ރާޒުވާ ކުޅުއްވަން އިންނެވީ ރާޒުވާއާބެހޭ ބައިނަލްއަޤްވާމީ އިއްތިޙާދުގެ ރައީސް، ކިރްސާން އޮއިލިމިގިނޯވް އެވެ.

އޮއިލިމިގިނޯވަކީ ރަޝިޔާގެ ރައްޔިތެކެވެ. އޭނާއާއި ގައްޒާފީ ރާޒުވާ ކުޅުއްވަން ތިއްބެވިއިރު ލީބިޔާގެ އޮލިމްޕިކް ކޮމިޓީގެ ވެރިޔާ އަދި ގައްޒާފީގެ ދޮށީ ދަރިކަލުން މުޙައްމަދުލްޤައްޒާފީ ކައިރީގައި ހުންނެވިއެވެ.

ރަޝިޔާގެ އިންޓަރފެކްސް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އޮއިލިމިގިނޯވް ވިދާޅުވީ އޭނާ ލީބިޔާއަށް ވަޑައިގެންނެވީ ލީބިޔާ ސަރުކާރުގެ ރަސްމީ ދަޢްވަތަކަށް ކަމަށާ ގައްޒާފީއާއެކު ރާޒުވާ ކުޅުއްވީ ބިމުއަޑީގައިވާ ބިންގަރާހެއްގައި ނޫން ކަމަށާ ޓްރިޕޮލީގައިވާ އިދާރީ ޢިމާރާތެއްގައެވެ.

ގައްޒާފީ އާ ޙަވާލާދީ އޮއިލިމިގިނޯވް ވިދާޅުވީ ލީބިޔާ ދޫކުރައްވައި ބޭރަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ގައްޒާފީ ނުގެންގުޅުއްވާ ކަމަށާ ލީބިޔާއަކީ ޢާއިލާއާއި ކާބަފައިންގެ ވަޒަންކަމަށާ އަމިއްލަ ޤައުމު ދޫކުރެއްވުމަށްފަހު ވަޑައިގަންނަވާނެ އެހެން ތަނެއް ނޯންނާނެ ކަމަށް ގައްޒާފީ ވިދާޅުވިކަމުގައެވެ.

އަދި ލީބިޔާގެ ރަސްމީ އެއްވެސް މަޤާމެއް އަދާނުކުރައްވާ ކަމަށް ވިދާޅުވެ އިސްތިއުފާދެއްވަން ޖެހޭ މަޤާމެއް ނޯންނާނެ ކަމަށް ގައްޒާފީ ވިދާޅުވި ކަމަށްވެސް އޮއިލިމިގިނޯވް ވިދާޅުވިއެވެ.

ގައްޒާފީގެ ދިގުލީ ވެރިކަން ވައްޓާލުމަށް ލީބިޔާގެ ރައްޔިތުން ސުލްޙަވެރިކަމާއެކު އުތުރިއަރަން ފެށުމުން ގައްޒާފީގެ ބާރުތަކުންވަނީ ރައްޔިތުންނާ ދެކޮޅަށް ބަރުހަތިޔާރުން ޙަމަލާދީ އެތަށް ސަތޭކަ ބަޔަކު މަރާލާފައެވެ.ނަތީޖާއެއްގެ ގޮތުން ލީބިޔާގެ ގިނަ ބަޔަކުވަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ހަތިޔާރުގައި ހިފައި ހަނގުރާމަ ކުރަންފަށާފައެވެ.

ރާޒުވާއާބެހޭ ބައިނަލްއަޤްވާމީ މުބާރާތެއް އަންނަ އޮކްޓޯބަރ މަހު ލީބިޔާގައި ބޭއްވުމަށް ކުރިން ވަނީ ހަމަޖައްސާފައެވެ. މިތާރީޚުގެ ކުރިން ލީބިޔާގެ ސިޔާސީ ގަޑުބަޑާއި އަހްލީ ހަނގުރާމައިގެ މައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އޮއިލިމިގިނޯވް ވިދާޅުވިއެވެ. -- އަލްޖަޒީރާ