12 Nov 2016, 12:33
ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގައި އުފެއްދުންތައް އުފައްދާ މާކެޓު ކުރުމަށް ޓަކައި ކުޑަކުދިން ކުޅޭ ސާމާނު ފަދަ ތަކެތި އުފެއްދުމަށް 5000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ހަމަޖައްސައިދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖެހިފައިވާ އިރު އެއެގްރިމެންޓްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށެވެ.
ތައުފީގް ސަން އަށް ވިދާޅުވީ އެކަށޭނަ ގޮތެއްގައި ރާއްޖޭގައި އެކިއެކި އުފެއްދުންތައް އުފައްދައި ރާއްޖެއާއި ރާއްޖެ އިން ބޭރަށް މާކެޓުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމުގެ ފެށުމެއްގެ ގޮތުން ކުޑަކުދިން ކުޅޭ ސާމާނު އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.
"ސޮޕްޓް ޓޯއީޒް އިންޑަސްޓުރިއަލް ފެންވަރަކަށް އުފެއްދުމުގެ މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މިހާރު ބޮޑަށް މިބަލަނީ ސޮފްޓް ޓޮއީޒްއަށް، މިހެން މިސީރީޒް ކުރިއަށްދާނެ،" ތައުފީގް ވިދާޅުވި އެވެ.
ކުޑަކުދިން ކުޅޭ ސާމާނުގެ އިތުރުން ލިޔެލާ ޖެހި ސާމާނާއި ނާށިން އުފައްދާ ތަކެތި ރާއްޖޭގައި އުފައްދައި މާކެޓު ކުރުމަށް ނިންމާފައިވާ ކަމަށް ތައުފީގް ވިދާޅުވި އެވެ.