12 Nov 2016, 11:09
ނައިޕީޑޯ (ނޮވެމްބަރު 12): މިޔަންމާގެ އުތުރުގައިވާ ޖޭޑް މައިންކުރާ ސަރަހައްދަކަށް ޖައްވުން ދަގަނޑު އެތިގަނޑެއް ވެއްޓިއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ބުރާސްފަތި ދުވަހު ކަޗިން ސްޓޭޓުން ފެނުނު އެހޮޅިގަނޑުގެ ދިގު މިނުގައި 4.5 މީޓަރާއި ފުޅާ މިނުގައި 1.2 މީޓަރު ހުއްޓެވެ. އޭތި ވެއްޓުނު ވަގުތު ބާރު އަޑު ފައްގަނޑެއް އިވުނު ކަމަށް އާއްމުން ބުނެ އެވެ. އެއީ ކޯއްޗެއް ކަން އަދި ނޭނގޭ ކަމަށް ކަޗިން ސްޓޭޓުގެ ސަރުކާރުން ބުންޏެވެ.
"އެއަޑުފައްގަނޑުގެ ސަބަބުން އަޅުގަނޑުމެން ވަރަށް ބިރުގަތް. ފުރަތަމަ އަޅުގަނޑުމެން ހީކުރީ ހަނގުރާމައެއް ކަމަށް. އެއަޑުފައްގަނޑުގެ ސަބަބުން އަޅުގަނޑުމެންގެ ގެތައް ގުޑުނު. އޭގެ ދުން އަޅުގަނޑުމެންގެ އަވަށުން ފެނުނު،" ޖައްވުން އެތިގަނޑެއް ވެއްޓުނު ސަރަހައްދާ ކައިރީ އޮންނަ އަވަށުގެ ކޯ މައުންގް ބުންޏެވެ.
އެހޮޅިގަނޑުގެ އިތުރުން ޗައިނާ ބަހުން ލިޔެފައިވާ އެތިގަނޑެއްވެސް އެސަރަހައްދުގައިވާ ގެޔެއްގެ ތެރެއަށް ވެއްޓުނު ކަމަށް ނޫސްތަކުން ބުނެ އެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
އެހާދިސާއާ މިދިޔަ ބުދަ ދުވަހު ޗައިނާއިން ސެޓެލައިޓެއް ލޯންޗު ކުރުމާ ގުޅުމެއް ހުރެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ވެއްޓުނު އެތިގަނޑަކީ ރޮކެޓެއްގައި ހުންނަ 'ސްޓޭޖް' ކިޔާ ބަޔާ އެއްގޮތް އެއްޗެކެވެ. ރޮކެޓެއްގެ ސްޓޭޖް އާއްމުކޮށް ވެއްޓޭނީ ބޮޑު ފެންގަނޑަކަށް ނުވަތަ މީހުން ދިރުނޫޅޭ ސަރަހައްދަކަށެވެ. (ބީބީސީ)