12 Nov 2016, 15:15
ޕްރިޓޯރިޔާ (ނޮވެމްބަރު 12) : ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ މަގާމުން ދުރުކުރުމަށް ޓަކައި ޕާލަމެންޓްގައި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ޒޫމާގެ މައްޗަށް ނެގި އިތުބާރުގެ ވޯޓު ނާކާމިޔާބުވެފައި ވަނީ 126 ވޯޓު 214 ވޯޓުންނެވެ. ޒޫމާ މަގާމުން ދުރުކުރުމަށް ލިބުނީ އެންމެ 126 ވޯޓެވެ. ދެކުނު އެފްރިކާގެ ގާނޫނު ބުނާ ގޮތުން ރައީސް މަގާމުން ދުރުކުރުމަށް ޕާލަމެންޓްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބެންޖެހެ އެވެ. ޒޫމާގެ މައްޗަށް ނެގި އިތުބާރުގެ ވޯޓު ދެބައިކުޅަ އެއްބައަށް ވުރެ ވެސް މަދެވެ. މިއީ ޒޫމާ މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ތިންވަނަ ފަހަރެވެ.
އިދިކޮޅު ފަރާތްތަކުން ޒޫމާ މަގާމުން ދުރުކުރަން ބޭނުން ވަނީ އޭނާ ފުޅާދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މިތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެތް އިދިކޮޅު ފަރާތްތަކަށް ދެއްކިފައެއް ނުވެ އެވެ.
ޒޫމާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ދެކުނު އެފްރިކާގެ އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާއަށް ހުށަހެޅުމުން އެއިދާރާ އިން ވަނީ ޒޫމާގެ ސަރުކާރުގެ އެކި ލެވެލްތަކުގައި ކޮރަޕްޝަން ހުރި މިންވަރު ބެލުމާ ބެހޭ ޚާއްސަ ތަހްގީގެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ހިންގުމަށް އެދިފަ އެވެ.
ދެކުނު އެފްރިކާއަކީ އެފްރިކާގެ އެންމެ މުއްސަނދި އަދި އެންމެ ކުރިއަރާފައިވާ ގައުމެވެ. ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އެފްރިކާއަކީ ބްރިކްސްގެ ގައުމެއްގެ އިތުރުން ދެވަނަ ދަރަޖައިގެ ސިނާއީ ގައުމެއް ވެސް މެއެވެ.
ރައީސް ޒޫމާގެ މައްޗަށް އިތުބާރުގެ ވޯޓެއް ނެގުމުގައި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ އަލުން އިންތިޚާބެއް ބާއްވައިގެން ވެރިކަމަށް އައުމުގެ މަގު ކޮށުންކަމަށް ޒޫމާގެ ޕާޓީ ކަމަށްވާ އެފްރިކަން ނެޝަނަލް ކޮންގްރެސްއިން ބުނެއެވެ.
ޒޫމާ ވައްޓާލުމުގައި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުލިބިގެން އުޅެނީ އެފްރިކަން ނެޝަނަލް ކޮންގްރެސް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތުމުގެ ސަބަބުންނެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ޒޫމާގެ ވެރިކަމުގައި ދެކުނު އެފްރިކާގެ އިގްތިސާދު ކުރިޔަށްދަނީ ވަރަށް ބާރު ދުވެއްޔެއްގަ އެވެ. މިއީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ބޭނުންނުވާ މައިގަނޑު ސަބަބެވެ. (ބީބީސީ)