ގާހިރާ (ނޮވެމްބަރު 12): މިސްރަށް ދިމާވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިސްރަށް ތިން އަހަރު ތެރޭގައި 12 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.

އައިއެމްއެފް އިން ބުނި ގޮތުގައި އެލޯނުގެ ތެރެއިން 2.75 ބިލިއަން ޑޮލަރު ވަގުތުން ދޭން ނިންމާފައިވާ އިރު، ބާކީ ފައިސާ ދޭނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މިސްރުގެ އިގުތިސާދީ ހާލަތަށް އަންނަ ބަދަލުތަކާއި އިސްލާހުތަކަށް ބަލާފަ އެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓިން ލަގާޑޭ ވިދާޅުވި ގޮތުގައި އެލޯނަކީ މިސްރުގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހެންތަކުން އަރައިގަތުމަށް ދޭ ލޯނެކެވެ.

ދެހާސްއެގާރަ ވަނަ އަހަރު މިސްރަށް ގެނައި އަރަބް ސްޕްރިންގަށް ފަހު އެގައުމަށް ލިބޭ ފޮރިން އިންވެސްޓްމެންޓުތައް ވަނީ މަދުވެފަ އެވެ. އަދި ގައުމުގެ ފޮރިން ރިޒާވް ދަށްވެ، ބޮޑު ބަޖެޓް ޑެފިސިޓަކާ ކުރިމަތިލާން ޖެހިފަ އެވެ.

އައިއެމްއެފްގެ ލޯނަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ކުރުމުގެ ގޮތުން މިދިޔަ ހަފްތާ ތެރޭގައި މިސްރުގެ މަރުކަޒީ ބޭންކުން ގެނައި ބަދަލަކާ ގުޅިގެން އިޖިޕްޝަން ޕައުންޑުގެ އަގު ވަނީ އެމެރިކާ ޑޮލަރާ އަޅާބަލާއިރު އެވެ. އަދި މިސްރުގެ ސަރުކާރުން ވަނީ އިސްޓްރެސްޓު ރޭޓު ތިން ޕަސެންޓަށް އިތުރުކޮށް، އާދައިގެ ތަކެއްޗާއި ތެލުގެ އަގު ބޮޑު ކޮށްފަ އެވެ.

މިސްރުގެ ސަރުކާރުގެ އެނިންމުންތަކާ ގުޅިގެން ސަރުކާރަށާއި ރައީސް އަބްދުލްފައްތާހު އައްސީސީ އަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. (ބީބީސީ)