12 Nov 2016, 08:35
އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔައީ ކްލަބު ވެލެންސިއާގެ އަސްލު ފެންވަރު ކަމަށް އެ ކްލަބުގެ ކޯޗު މުހައްމަދު އިގުބާލް ބުނެފި އެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ރޭ ޓީސީ އަތުން 3-1 ލަނޑުން މޮޅުވެ، ވެލެންސިއާ އިން ވަނީ އެ މުބާރާތް ކާމިޔާބުކޮށް، އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ހޯދައިފަ އެވެ. ދިވެހި ފުޓްބޯޅައިގެ ކާމިޔާބު ކްލަބެއްގެ ގޮތުގައި އޮތް ވެލެންސިއާއަށް މި އަހަރު ތަށްޓެއް ހޯދިފައި ވަނީ އަށް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ.
އެފްއޭ ކަޕްގެ ކާމިޔާބަށްފަހު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ: ވެލެންސިއާ އިން އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީގެ މައްޗަށް 3-1 ކުރި ހޯދައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޭގެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެލެންސިއާގެ ކޯޗު އިގުބާލް ބުނީ، ވެލެންސިއާ އަށް މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރޭގެ މެޗުގައި ލިބިގެންދިޔައީ ބޮޑު ކާމިޔާބެއް ކަމަށެވެ.
"ރަނގަޅު ޓީމެއް އެބައޮތް. އެކަމަކު ކޮންމެ ޓީމަކަށް ވެސް ދިމާވާނެ ދަތިތަކެއް ހުންނާނެ. އޭގެ ތެރޭގައި ކުޅުންތެރިންނާއި މެނޭޖްމަންޓް މައްސަލަތަކެއް ހިމެނޭ. ކޯޗުން މައްސަލަ އެބައުޅޭ. ލީގުގައި ކާމިޔާބެއް ނުހޯދުނީ ޓީމުގައި ވެސް މައްސަލަތަކެއް ވެސް އުޅޭތީ. ޓީމުގެ ފެންވަރު މިހާރު މި އެނގުނީ. އަށް އަހަރަށްފަހު ފައިނަލެއް ކުޅެ، ތަށްޓެއް މި ހޯދުނީ. ވަރަށް ޒަމާނަށްފަހު ވެލެންސިއާ އަށް ތަށްޓެއް މި ލިބުނީ. ޓީމަށް ބަލާއިރު، މިއީ ވަރަށް ރަނގަޅު ޓީމެއް. އެކަމަކު މައްސަލަތަކެއް ދިމާވީމަ ލީގުގައި ރަނގަޅު ނަތީޖާއެއް ނުލިބުނީ،" އޭނާ ބުންޏެވެ.
އިގުބާލް ބުނީ، ޒަމާންތަކަކަށްފަހު ކާމިޔާބު ލިބުމުން ވެލެންސިއާގެ މުސްތަގުބަލު ވަރަށް އުޖާލާ ވެގެންދާނެ ކަމަށާއި އޭއެފްސީ ކަޕާ ކުރިމަތިލާ އިރު ޓީމު އިތުރަށް ވަރުގަދަ ކުރަން ވެސް ޖެހޭ ކަމަށެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ މޮޅުވެފައި ވަނީ 3-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އޭއެފްސީއާ ކުރިމަތިލާ އިރު، ރަނގަޅު ކުޅުންތެރިންއެއް ދިމާލަކަށް ދާނެ. މިހާރު އޭއެފްސީ ކަޕަށް ދާއިރު، ވެލެންސިއާގެ މެނޭޖްމަންޓުން ވެސް ޖެހޭނެ އިތުރަށް މަސައްކަތްކުރަން. މަސައްކަތްކޮށްގެން މިހާރު ތިބި ކުޅުންތެރިން ހިފަހައްޓައި، އާ ކުޅުންތެރިން ހޯދަން ޖެހޭ. މިހާރަށްވުރެ ޓީމު ރަނގަޅުވެގެން ނޫނީ އޭއެފްސީ ކަޕުގައި ވާދައެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.
އޭއެފްސީ ކަޕަށް ވެލެންސިއާގެ އިތުރުން ރާއްޖޭން ދެން ވާދަކުރާނީ މި އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އޭއެފްސީ ކަޕުގައި ވެސް ވެލެންސިއާ ވާދަކުރާނީ އަށް އަހަރަށްފަހު އެވެ. މީގެ ކުރިން 2004، 2005 އަދި 2009 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ވެލެންސިއާ ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ.