ޑރ. ހުސައިން ހަލީމް (ކުޑަހުސެން) މީގެ 27 އަހަރު ކުރިން ހަދާފައިވާ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑު ހުސައިން ފަޒީލް ހާރޫން މުގުރާލައިފި އެވެ.

ކުޑަހުސެން 1989 ވަނަ އަހަރު ހަދާފައިވާ ފަސް ކިލޯމީޓަރުގެ ރެކޯޑު، ފަޒީލް މުގުރާލާފައި ވަނީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ކުރިއަށްދިޔަ ދިރާގު ރޯޑް ރޭހުގައެވެ.

ދިގުދުވުންތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ފަޒީލް، ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ އެއް ވަނަ ހޯދާފައި ވަނީ 16 މިނެޓް 31 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުޑަހުސެން ކުރިން ރެކޯޑު ހަދާފައި ވަނީ 17 މިނެޓް 8 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ ދެ ވަނަ ހޯދާފައި ވަނީ 17 މިނެޓް 50 ސިކުންތުން ރޭސް ނިންމި ގެވިން ޑޭވިސް އެވެ. އަދި ތިން ވަނަ އަށް ފަސް ކިލޯމީޓަރުގެ ދުވުން ނިންމި ހަސަން ފައިހަތު ރޭސް ފުރިހަމަކޮށްފައިވަނީ 18 މިނެޓް 30 ސިކުންތުންނެވެ.

ދިހަ ކިލޯމީޓަރުގެ އެއް ވަނަ ހޯދާފައިވަނީ 36 މިނެޓް 33 ސިކުންތުން ރޭސް ނިންމި ޒައިދު ޝަރީފް އެވެ. ރޭހުގެ ދެ ވަނަ ހޯދާފައިވަނީ 37 މިނެޓް 21 ސިކުންތުން ރޭސް ނިންމި އަހްމަދު ޝަރަފެވެ. ތިން ވަނަ އަށް ރޭސް ނިންމީ 37 މިނެޓް 53 ސިކުންތުން ރޭސް ފުރިހަމަކުރި އަހްމަދު ހަސަން އެވެ.

ރޯޑް ރޭހުގައި އިއްޔެ ދިހަ ކިލޯމީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑު ވަނީ އާކޮށްފައެވެ. މަރިޔަމް އަބްދުލްކަރީމް (މަރީ)ގެ އަމިއްލަ ރެކޯޑު އޭނާ އާކުރީ 44 މިނެޓް 18 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ކުރިން އެ ރެކޯޑު ހަދާފައި ވަނީ މިދިޔަ އަހަރުގެ ރޯޑް ރޭހުގައި ދުވެ، 48 މިނެޓް 25 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އެ ރޭސް ނިންމާފައި ވަނީ ދެ ވަަނައަށެވެ.

މަރީގެ ކުރިން އެއް ވަނަ އަށް ރޭސް ނިންމާފައިވަނީ 39 މިނެޓް އެއް ސިކުންތުން ރޭސް ފުރިހަމަކުރި ބިދޭސީ ދުވުންތެރިޔާ ނިލޫކާ ރާޖަޝޭރެވެ. އެ ރޭހުގެ ތިން ވަނަ ހޯދާފައި ވަނީ 58 މިނެޓް 55 ސިކުންތުން ރޭސް ފުރިހަމަކުރި ޔުމްނާ ޝަރީފެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދާފައި ވަނީ 21 މިނެޓް 5 ސިކުންތުން ރޭސް ފުރިހަމަކުރި ދިލްރުކްޝާ ރާޖަޝޭކަރެވެ. ދެ ވަނަ އަށް ރޭސް ނިންމީ 24 މިނެޓް 48 ސިކުންތުން ރޭސް ފުރިހަމަކުރި އައިމިނަތު ޖައިޝާ އެވެ. އަދި ތިން ވަނަ ހޯދާފައި ވަނީ 24 މިނެޓް 47 ސިކުންތުން ރޭސް ފުރިހަމަކުރި ސަދޫނީ ރާޖަޝޭކަރެވެ.