13 Jun 2011, 23:03
23:10
ހައިމާކެއްގެ ދަތްގަނޑު ދަށުވެ ބިދޭސީއަކު މިރޭ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިރުން އޮންނަ ހިތަށްފިނިވާ މަގުން ދުއްވާފައިދިޔަ ހައިމާކުގެ ދަތްގަނޑުން ޖެހި ބޮޑެތި ޒަހަމްތަކެއް ވެފައިވަނީ ބަންގްލަދޭސްގެ ރައްޔިތަކަށް ކަމަށް ހައިމާކް ދުއްވަން އިން ޑުރައިވަރު ބުންޏެވެ. ހައިމާކް ދުއްވަން އިނީ ދިވެއްސެކެވެ.
ޑްރައިވަރު ބުނީ ބިދޭސީ މީހާ އެ ވަގުތު އުޅުނީ ހައިމާކް ފުރޮޅުގެ ދަށުގައި ޓިނު އަޅަން ކަމަށާއި އޭނާގެ ގައިގާ ދަތްގަނޑުން ވަރަށް ބާރަށް ޖެހި ދެ ފޫޓެއްހާ ދުރަށް ވިއްސައިގެންދިޔަ ކަމަށެވެ. ބަންގްލަދޭޝްގެ މީހާ ވިއްސައިގެން ގޮސްޖެހުނު ތަން ކަމަށް މަންޒަރު ދުށް މީހަކު ބުނި ހިސާބުގައި ލޭ ހުއްޓާ ސަން ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.
ޑުރައިވަރު ބުނީ ހައިމާކް ކޮންޓްރޯލުން ނެއްޓި ހ. ބުރުނީގޭ ކުރިމަތިން ހުންނަ އިންޑިއަން އެމްޕޯރިއަމްގެ ގުދަނެއްގެ ފާރުގައި ޖެހި ފާރު މުޅިން ތެޅި، ހަލާކުވީ ހައިމާކުގައި ގަހެއްގެ ގޮފިގަނޑު އަޅައިގަތުމުން އެ ގޮފިގަނޑު ނައްޓާލަންވެގެން ހައިމާކްގެ ކައިރީގައި ހުރި އެހީތެރިޔާ ފުރޮޅު މައްޗަށް އެރި ވަގުތު އެމީހާގެ ހަށިގަޑުގެ ކޮންމެވެސް ތަނެއް ހައިމާކްގެ ލިވަރުގައި ޖެހިގެން ކަމަށެވެ.
"ކިތަންމެ މޮޅު މީހާއަށް ވެސް އެފަދަ ދަނޑިވަޅެއްގައި ކޮންޓްރޯލެއް ނުވާނެ. ނުވިސްނާ އިންދާ ހަމަ އޮޅުމަކުން ކުއްލިއަކަށް ވީކަމެއް މިއީ،" ޑުރައިވަރު ބުންޏެވެ.
ހައިމާކު ކޮންޓްރޯލުން ނެއްޓުނު ގަޑީގައި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައިޖެހި ޕޭމަންޓު މައްޗަށް އަރައި އެ ކާރަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
އައިޖީއެމްއެޗުން ބުނީ ބިދޭސީ މީހާއަށް އިމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށާއި ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު އަދި ސާފު ނުވާ ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓްގެ ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.