ހަސަން އަދުހަމްގެ ދެ ލަނޑާއެކު ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައި، ކްލަބު ވެެލެންސިއާ އިން އެފްއޭ ކަޕް ކާމިޔާބުކޮށް، އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދައިފި އެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީގެ މައްޗަށް ވެލެންސިއާ އިން ކުރި ހޯދާފައި ވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. ވެލެންސިއާ އިން އެފްއޭ ކަޕްގެ ތަށި ފަސް ވަނަ ފަހަރަށް ހޯދި އިރު، އޭއެފްސީ ކަޕުން އެ ޓީމަށް ޖާގަ ލިބިފައިވަނީ އަށް އަހަރު ފަހުންނެވެ. އަދި އެ ޓީމަށް އެންމެ ފަހުން ތަށްޓެއް ހޯދިފައި ވަނީ ވެސް މީގެ އަށް އަހަރު ކުރިންނެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ވެސް ލިބިފައި ވަނީ ވެލެންސިއާ އަށެވެ. އަދުހަމް ދިން ބޯޅައަކުން ކަކާ އުފެއްދި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އޭގެ މިނެޓެއް ނުވަނީސް ޓީސީ އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިޔާ ތެރައަށް ވަނުމަށްފަހު، އަލީ ފާސިރު (ސެންޓޭ) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ހާންސްލޭ އަވީލޯ ނަގައިދިން ހުރަހަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަދުހަމް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ވެލެންސިއާގެ އެ ލަނޑަށްފަހު ޓީސީގެ އަހްމަދު ނިޒާމް (ނިޒާމްބެ) އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނިޒާމްބެގެ ފުރަތަމަ ހަމަލާ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އިރު، އޭނާގެ ދެ ވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އަހްމަދު ރިލްވާން (ރިލޭ) ދިން ބޯޅައަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިހާން އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިހާނަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޓީސީން ވަނީ ލަނޑެއް ޖަހައި، ވެލެންސިއާ އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއު އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ވެލެންސިއާ އިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. އަވީލޯ ދިން ބޯޅައަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަދުހަމް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު އިމްރާން ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ދެ ވަނަ ހާފު ނިމުމުގެ ކުރިން ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުގެންދިޔައެވެ. އެގޮތުން ނާފިއު އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އިރު، ސެންޓޭ އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ.

އެފްއޭ ކަޕް ކާމިޔާބުކުރުމާ އެކު ވެލެންސިއާ އަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ވަނީ ލިބިފައެވެ. އޭއެފްސީ ކަޕްގައި ވެލެންސިއާއާ އެކު ދެން ރާއްޖޭން ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މީގެ ކުރިން 2004، 2005 އަދި 2009 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ވެލެންސިއާ ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ.