12 Nov 2016, 09:16
ދުނިޔޭގެ މަގްބޫލު ނިއުޓެއްލާ އަކީ ކޮންމެ އެއްޗަކާ އެކު ކާންވިއަސް އެވަރެއް ނެތް އެއްޗެކެވެ. ހޭޒެލްނަޓާއި ކޮކޯ އަޅައިގެން ހަދާފައި ހުންނަ މި ޗޮކްލެޓް ސްޕްރެޑް ކްރީމް ހުހާ ކާން އަދި ބައެއް މީހުންނަށް މާ ފައްކަލެވެ.
އިޓަލީގެ ފެރޭރޯ ކުންފުނިން އުފައްދާ މަގްބޫލު ޗޮކްލެޓް "ފެރޭރޯ ރޮޝޭ"އިން ލާ މީރު ޗޮކްލެޓް ރަހަ ލާ ނިއުޓެއްލާ އަޅާފައި ހުރި ކޮންމެ ވައްތަރެއްގެ ޝޭކެއް ނޫނީ ފޮނި އެއްޗެއް ނަމަވެސް އެޔަށް ދަހިވެ ކުޅުދިޔާވާ މީހުން މަދެއް ނޫނެވެ.
ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓް ޗެއިނެއް ކަމަށްވާ މެކްޑޮނާލްޑްސް އިން މިހާރު މިވަނީ އެ ރެސްޓޯރެންޓުގެ މެނޫތަކަށް މި ނިއުޓެއްލާ ހިމަނާފަ އެވެ. ޝޭކެއް ނުވަތަ ބުއިމެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެތަނުގެ ބާގާ އެއްގެ ގޮތުގަ އެވެ.
މެކްޑޮނާލްޑްސްގެ މަޝްހޫރު ބާގާ ބަނަހުގެ މެދު ތެރޭގައި ނިއުޓެއްލާ އަޅާ ފުރާލާފައިވާ އެ ބާގާއަށް ދީފައިވާ ނަމަކީ ނިއުޓެއްލާ ބާގާ ނުވަތަ "ސްވީޓް ކޮން ނިއުޓެއްލާ" އެވެ. ނަމަވެސް އޭގެން ބާގާއެއް ކައިރި ހިސާބަކުން ވެސް ހަފާލެވޭކަށް އަދި ނެތެވެ.
އިޓާލީގެ މެކްޑޮނާލްޑްސް އިން ތައާރަފްކުރި ނިއުޓެއްލާ ބާގާ ވިއްކާނީ ހަމައެކަނި އެގައުމުގެ ރެސްޓޯރެންޓްގެ މެކްކެފޭ ތަކުންނެވެ. އެ ބާގާ ތައާރަފްކުރަމުން މެކްޑޮނާލްޑްސްގެ އިޓަލީގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، ދެކޮޅު ނެހެދޭނެ މަޑު ފޮނިކަމެއް އައިސްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޖެހި އެ ޕޯސްޓަށް މިހާތަނަށް ފަންސާސްހާހާ ގާތްކުރާ އަދަދަކަށް ލައިކް ލިބިފައިވާއިރު ފަސްދޮޅަސްހާހާ ގާތްކުރާ އަދަދަކަށް ޝެއާ ވަނީ ލިބިފަ އެވެ. އެ ޕޯސްޓަށް އެވަރު ނުލިބޭންވީ ސަބަބެއްވެސް ނެތެވެ.