ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިރޭ އެ ފިހާރަ ހުޅުވައިދެއްވީ، ވެލިގާ ހާދްވެއާގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަންއެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލެ ނެއިބަހުޑް ދޭއް ސަރަހައްދުގައި، ބޮޑުމަގުގައެވެ.

ވެލިގާ ހުޅުމާލެ ފިހާރަ ހުޅުވުން --- ސަން ފޮޓޯ އިޙްތިޝާމް މުހައްމަދު

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރި ކުރާ ކުންފުންޏަކުން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ހާޑްވެއާ ފިހާރައެވެ.

ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަބޫބަކުރު ވިދާޅުވީ، މި ފިހާރައިގައި ހުރިހާ ބާވަތެއްގެ ހާޑުވެއާ ސާމާނު ލިބެން ހުންނާނެ ކަމަށެވެ.

"ހުޅުމާޅޭގައި ހިންގާ ހުރިހާ އިންޑަސްޓްރީތަކަށް ބޭނުންވާ މުދާ އަގުހެޔޮކޮށް މިތަނުން ލިބިގެން ދާނެ. އަދި ކަސްޓަމަރުންނާ ވީހާވެސް ގާތުން، ފަސޭހަ ގޮތަކަށް މިތަނުން ތަކެތި ލިބެން ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސައިމަން ވިދާޅުވީ، ހުޅުމާލޭގެ ތަރައްގީއާ ހާޑްވެއާ ސާމާނާ އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އެހެންކަމުން އެފަދަ ފިހާރައެއް ހުޅުމާލޭގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލިގާ ހުޅުމާލެ ފިހާރަ ހުޅުވުން --- ސަން ފޮޓޯ އިޙްތިޝާމް މުހައްމަދު

އަދި ހުޅުމާލެއަކީ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވެފައި، ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި މާލެއިން ހުޅުމާލެއިން ގެނައުން ކަމަށާއި، އެ ފިހާރައިގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.

ވެލިގާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭގައި މިރޭ ހުޅުވި އިރު، އެކުންފުނީގެ ހަތަރު ފިހާރައެއް މާލޭގައި މިހާރުވެސް ހުރެއެވެ.

ވެލިގާ ހުޅުމާލެ ފިހާރަ --- ސަން ފޮޓޯ އިޙްތިޝާމް މުހައްމަދު

ހުޅުމާލޭގައި ވެލިގާގެ ފިހާރަ ހުޅުވާފައިވަނީ ޚާއްސަ ޕްރޮމޯޝަނަކާ ވެސް އެކުގައެވެ. އެގޮތުން 10 ރުފިޔާއިން މަތީގެ އަދަދަކަށް ވިޔަފާރި ކޮށްގެން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. އަދި އޭގެ އިތުރުން ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް 1،000 ރުފިޔާގެ އިތުރު ވައުޗަރެއް ލިބޭނެ ކަމަށްވެސް ވެލިގާއިން މައުލޫމަތު ދެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.