އޭޝިއާ ބައްރުގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއާ، ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާކެޓު (ސީއައިޓީއެމް)ގައި ދިވެހިރާއްޖެއިން ބައިވެރިވަމުން އެބަދެއެވެ.

ޗައިނާގެ ޝަންހާއީގައި މިއަދު ހެނދުނު ފެށި މިއަހަރުގެ ސީއައިޓީއެމް ފެއާގައި ރާއްޖޭގެ 23 ކުންފުންޏަކުން 52 ބައިވެރީން ބައިވެރިވަމުންދެއެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒާއިލް ޝިޔާމްއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

އެމްއެމްޕީއާރުސީއިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ސީއައިޓީއެމް ފެއާގައި، އޭޝިއާގެ ޓްރެވަލް އިންޑަސްޓްރީގެ އެކި ދާއިރާތަކުން ޖުމްލަ 2،500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. އެގޮތުން، އެކި ގައުމުތަކުގެ ޖަމިއްޔާތަކާއި، ހޮޓެލްތަކާއި އެއާލައިންތަކުގެ އިތުރުން ޓްރެވަލް އޭޖެންސީތައް ފަދަ ކުންފުނިތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީއިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ފެއާއަށް 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެއެވެ.

މިއަހަރުގެ ޝަންހާއީ ސީއައިޓީއެމްގައި ރާއްޖެ އިޝްތިހާރުކުރަމުން ދަނީ 203 އަކަ މީޓަރުގެ ސަރަހައްދެއްގައި ހަދާފައިވާ ސްޓޯލަކުންނެވެ. އަދި މީގެ އިތުރުން މި ފެއާ ކުރިޔަށްދާ ދަރުބާރުގެ ކަމުގައިވާ ޝަންހާއީ ނިއު އިންޓަނޭޝަނަލް އެކްސްޕޯ ސެންޓަރުގެ، ބޮޑު ދެ މާލަމެއްގެ އެންޓްރަންސްގައި ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް ޔިއަރ" އަދި "ސަނީ ސައިޑް އޮފް ލައިފް" ސްލޯގަންތައް އިޝްތިހާރު ކޮށްފައި ހުންނާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓެވެ. ދާދި ފަހުން، ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، ރާއްޖެއިން އަންނަނީ އެ އަދަދު މަތިކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. ސީއައިޓީއެމް ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ސަބަބުން ޗައިނާ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވޭ އިރު، ރާއްޖެއިން ވަނީ ޗައިނާގެ އިރު ދެކުނު އައްސޭރީގައި އޮންނަ ް އެއްބަސްވެފައެވެ.