ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ޖަޕާނުގެ އެންމެ ބޮޑު ފަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް ނެތިގެން ގޮސްފައިވާ ކަމަށް އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ބައޯރިޒާވެއްގެ ގޮތުގައި ހިމާޔަކޮށްފައިވާ އޮކިނާވާގެ އިޝިގަކީ އައިލެންޑުގެ ކުރިމަތީގައި އޮންނަ އެ ފަރަކީ 70 އަށްވުރެ ގިނަ މުރަކައިގެ ދިރުންތައް އެކުލެވޭ ފަރެކެވެ. އަދި އެއީ ދުނިޔޭގެ އުތުރު ހެމިސްފިއާގައި އޮންނަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ފަރެވެ.

ޖަޕާނުގެ އެންވަޔަރަމަންޓް މިނިސްޓްރީން މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރާ ދެމެދު ހެދި ދިރާސާއަކުން ދައްކާ ގޮތުން އިޝިގަކީ އައިލެންޑުގެ ކުރިމަތީގައި އޮންނަ ފަރުގެ 97 ޕަސެންޓް މުރަކަ ބްލީޗް ވުން ނުވަތަ މުރަކަ ހުދުވުމުގެ އަސަރު ކޮށްފައިވާއިރު، އެ ފަރުގެ 57 ޕަސެންޓް ވަނީ މަރުވެފައެވެ.

މުރަކަ ހުދުވުމަކީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ފަރުތައް މާގަދައަށް ހޫނުވެ ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމުން މުރަކައިގެ ދިރޭ ފަށަލަ (ލިވިން ޓިޝޫ) މަރުވެ އެވެ. އެއާއެކު މުރަކާގައި ގާފަރާއި ފެހި ޖަހައި މުރަކަ ނެތިގެންދެ އެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެއް ކަމަށްވާ، އެލް ނީނޯގެ ސަބަބުން މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަރުތަކުގެ މުރަކަތައް ވަނީ ހުދުވެފަ އެވެ.

އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު މުރަކަ ފަރު ހިމެނޭ، ގްރޭޓް ބެރިއާ ރީފް އޮންނަ އޮސްޓްރޭލިއާ އާއި ތައިލޭންޑުގެ އިތުރުން އެ ލިސްޓުގައި ރާއްޖެ ވެސް ހިމެނެ އެވެ.

ދުނިޔޭގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކާ މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީންހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މިހާރެކޭ އެއްގޮތަށް ކުރިއަށްދާނަމަ އިންޑިއާ އަދި ޕެސިފިކް ކަނޑުގެ މަސްމަހާމެހީގެ ދިރުންތައް،2050 އާ ހަމައަށް 10 ޕަސެންޓާއި 30 ޕަސެންޓާ ހަމައަށް މަދުވުމަކީ އެކަށީގެންވާ ކަމަކެވެ.