11 Nov 2016, 18:45
ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދާނީ އަދި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ލިބިގެންދާނީ ހުރިހާ މާނައެއްގައިވެސް މަޝްވަރާގެ ރިވެތި އުސޫލުތައް އިސްކޮށް، ކުރިމަތިވާ މައްސަލަތައް ހައްލުކޮށްގެން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި ސިޔާމް ވިދާޅުވީ، މަޝްވަރާގެ ރިވެތި އުސޫލު އެންމެން އިސްކޮށް އެއާ އެއްގޮތަށް އަމަލުކުރާނަމަ ލިބިގެންދާނީ ހިތްހަމަޖެހުމާއި އުފާފާގަތިކަން ކަމަށެވެ.
"އެއީ އާއިލީ މައްސަލައެއްކަމުގައި ވިޔަސް، އަދި ފަރުދީ ކަންކަމުގައި ދިމާވާ ޚިޔާލުތަފާތުވުންތައްކަމަށް ވިޔަސް ހަމަ އެހެންމެ ގައުމީ އަދި ސިޔާސީ މައްސަލަތައް ކަމުގައި ވިޔަސް މަޝްވަރާގެ ރިވެތި އުސޫލު އެންމެން އިސްކޮށް އެއާ އެއްގޮތަށް އަމަލުކުރާނަމަ ލިބިގެންދާނީ ހިތްހަމަޖެހުމާއި އުފާފާގަތުކަން ކަން ކަށަވަރެވެ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަން ކަމަށް ވާއިރު މިއަދު ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި ޚާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ވެރިން ހަނދާންކުރަންވީ އެންމެ މުހިންމު ކަމަކީ އެންމެން ގުޅިގެން ރައްޔިތުންގެ ހެވާ ލާބައަށްޓަކައި މިއަދު މަސައްކަތް ނުކުރެވިއްޖެނަމަ އެކަމުގެ ގެއްލުމާއި ނިކަމެތިކަން ރައްޔިތުންނަށް ލިބިގެންދާނެކަން ކަމުގައެވެ.
ބާރުވެރިކަމާއި ވެރިކަމުގެ ލައްޒަތަށްޓަކައި އެއްވެސް ފަރާތަކުން މިގައުމަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.
މިފަދަ މުހިންމު ދުވަހެއްގައި ކޮންމެ ރައްޔިތެއްގެ ވެސް އަޒުމަކަށް ވާންވާނީ އެބައެއްގެ ފެންވަރުގައި ގުޅުންތައް ބަދަހިކޮށް ތަރައްގީގެ ފޮނިމީރުކަން ލިބިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ތަރައްގީގެ މަޝްރޫތަކުގައި ބައިވެރިވެވެން އޮތް އެންމެ ބޮޑަކަށް ބައިވެރިވެ، ތަރައްގީގެ ފޮނިމީރުކަން ލިބިގަތުމަށް މަސައްކަތްކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީއޭގެ ލީޑަރު ވިދާޅުވީ މަކަރުވެރިންގެ ކެހިވެރި ރޭވުމަކުން ދުވަހަކުވެސް މިގައުމަށް ފައިދާއެއް، މަންފާއެއް ކުރަމުން ގޮސްފައިނުވާކަން މިފަދަ ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ވެރިކަމާއި ސިޔާސީ ބާރުވެރިކަމުގެ ބޭނުމުގައި އާއިލީ ގުޅުންތަކާއި ސިޔާސީ ގުޅުންތައް ކަނޑާނުލައި ގައުމުގެ ހެވާލާބައަށް މަސައްކަތް ކުރުމުގެ އާރޫހެއް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރަންވެއްޖެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ 48 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިޔާމް ވަނީ ދަންނަވައިފައެވެ.