13 Jun 2011, 21:46
ސޯލް : ނިއުކްލިޔަ ބޮމުގެ ސައިޒް ކުޑަކުރުމުގައި އުތުރުކޮރެޔާ ކާމިޔާބު ހޯދައިފިކަމަަށް ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ކިމް ކުވާން ޖިން ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެޔާގެ ބަރުލަމާން (ޕާލަމެންޓް) ގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ނިއުކްލިޔަ ބޮމުގެ ސައިޒް ކުޑަކުރުމުގައި ނުވަތަ ކުދިސައިޒްގެ ނިއުކްލިޔަރ ބޮން ހެދުމުގައި އުުތުރުކޮެރެޔާ ހޯދި ކާމިޔާބީއަކީ ނިއުކްލިޔަ ޓެކްނޮލޮޖީގައި ވަރަށް މުހިއްމު ކާމިޔާބެއް ކަމުގައެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ކުދި ނިއުކްލިޔަ ބޮން ހެދުމުގެ ޓެކްނޮލޮޖީ ލިބުމަކީ މިސައިލްތަކުގައި ނިއުކްލިޔަ ވޯހެޑްގެ ގޮތުގައި ނިއުކްލިޔަ ބޮން ހަރުކުރުމުގެ ޤާބިލްކަން ލިބުންކަމަށް ނަޒަރީ ގޮތުން ބެލިދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެހެންކަމުން މިއީ ދެކުނު ކޮރެޔާއަށާއި ޖަޕާން އަދި އެމެރިކާފަދަ އުތުރުކޮރެޔާއާ ދުޝްމަންކަން ގެންގުޅޭ ޤައުމުތަކަށް ކުރިމަތިވި ގޮންޖެހުމެއްކަމަށް ބެލެވިދާނެއެވެ.
އުތުުރު ކޮރެޔާއިން ފުރަތަމަ ނިއުކްލިޔަ ބޮމެއް ތަޖްރިބާ ކޮށްފައިވަނީ 2006 ގައެވެ. އެއަށްފަހު 2009 ގައިވެސް އެޤައުމުން ނިއުކްލިޔަރ ތަޖްރިބާއެއް ކޮށްފައިވެއެވެ.
އުތުރުކޮރެޔާ ތަޖްރިބާކޮށްފައިވާ ނިއުކްލިޔަ ބޮންތަކަކީ އެންމެ ފުރިހަމަ އަދި އެންމެ ބާރުގަދަ ބޮންތަކެއްނޫންކަމަށް ތަޖްރިބާކާރުން ބުނިނަމަވެސް ފުރިހަމަ ނިއުކްލިޔަރ ބޮމުގެ 10 ބޮން އުފެއްދޭ މިންވަރަށް އެޤައުމުގައި ފައްކާކުރި ޔޫރޭނިޔަމް އެބަހުރިކަމަށް އެފަރާތްތަކުން ދެކެއެވެ.
އުތުރުކޮރެޔާގެ ނިއުކްލިޔަ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާން އިސްކޮށް ތިބެގެން އދ. ގެ އޮނިގަނޑުގެ ތެރެއިންނާއި އދ. ން ބޭރުގައި އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ޙާސިލް ވެފައެއްނުވެއެވެ. (ނޫސްއެޖެންސީތައް)