އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމުން އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެންދާ މީހުންގެ ފަހަތުގައިވަނީ ވަކިފަރާތްތަކަށް ޖެހިފައިވާ މީޑީޔާތައްކަމަށް އޭނާ ސިފަކުރައްވައިފިއެވެ.

ޓްރަމްޕާ ދެކޮޅަށް ކުރާ މުޒާހަރާތައް ދެވަނަ ދުވަހަކަށް ދިގުދެމިގެންގޮސްފައިވާއިރު އެކަމާމެދު ކަންބޮޑުނުވާކަމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ. އަދި ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއީ އިންސާފެއްނެތް މުޒާހަރާތަކެއްކަމަށާއި އެކަމަށް ހިއްވަރުދީ ވާގިވެރިވަނީ ވަކިފަރާތަކަށް ޖެހިފައިވާ މީޑިޔާތައް ކަމުގައެވެ.

ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް ކުރިޔަށްދާ ސްޓޭޓްތަކުގެ ތެރޭގައި، ސެންފްރަންސިސްކޯ، ކެލިފޯނިޔާ، ޓެކްސަސް ހިމެނެއެވެ. މި މުޒާހަރާތަކުގެ ފަހަތުގައި ޓްރަމްޕްގެ ވާދަވެރިޔާ، ހިލަރީ ކްލިންޓަންއަށް ތާއީދުކުރާ ފަރާތްތައް ތިބިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މީޑިޔާތަކަކީ އެމެރިކާގެ ނުފޫޒުގަދަ އެލީޓުންގެ ތެރޭގައި ހިމެނޭ މަހުޖަނުންނާއި ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލްކުރާ އެއްޗެކެވެ. ރިޔާސީ ކޭންޕޭންގެ ދުވަސްވަރުގައިވެސް އެމެރިކާގެ މީޑިޔާތައްވަނީ ހިލަރީ ކްލިންޓަންގެ ކޭންޕޭނަށް މަގުފަހިވާގޮތަށް ޓްރަމްޕާ ދެކޮޅަށް ވަރުގަދަ ޕްރޮޕަގެންޑާތަކެއް ފަތުރާފައެވެ. އަދި ކޭންޕޭންގެ ދުވަސްވަރު އެމެރިކާގެ މީޑިޔާތަކުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭތައްވެސް ހަގީގަތާ ވަރަށްދުރުކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެފައިވާއިރު އެމެރިކާގެ މުޅި މީޑީޔާގެ ނަޒާހަތްތެރިކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އެމެރިކާގެ ގިނަ މީޑީޔާތަކާއި އެމެރިކާގެ ކުންފުނިތަކުގެ ބޮޑުންނާއި އެމެރިކާގެ ރަސްމީ ފަރާތްތަކާއި ނުފޫޒުގަދަ މާލީ މުއައްސަސާތަކާއި އެލީޓް ގްރޫޕްތަކުން ކެނޑިނޭޅި ޓްރަމްޕާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނިކޮށް ރައްޔިތުން ޓްރަމްޕް އިންތިޚާބު ކުރުމަކީ އެމެރިކާގެ ސިޔާސަތުތަކާއި އެމެރިކާގެ ޙާލަތު އޮތްގޮތާމެދު ރައްޔިތުން ނުރުހޭ މިންވަރާއި ބަދަލަކަށް އެމެރިކާގެ ރައްޔިތުން ބޭނުންވެފައިތިބި މިންވަރު ހާމަވެގެންދިޔަ ކަމެކެވެ. މިކަމުގެ ސަބަބުން މިފަރާތްތައްވަނީ ބޮޑު ލަދުވެތި ކަމެއްގެ ތެރޭގައެވެ.

ޓްރަމްޕްވަނީ އޭނާގެ ވެރިކަމުގައި މުސްލިމުން އެމެރިކާއަށް ވަނަނުދޭނެ ކަމަށް ވިދާޅުވެ ހަރުކަށި ބަޔާންތަކެއް ދެއްވާފައެވެ. އަދި އެމެރިކާގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ މުހާޖިރުން ވެސް ބޭރުކުރާނެކަމަށް ވިދާޅުވެ ނަސްލީ އިމްތިޔާޒުގެ ރާގުންވެސް ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ.

ޓްރަމްޕް، މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަސްތައް ވިދާޅުވި ނަމަވެސް އޭނާވަނީ ހަނގުރާމައާ ދުރަށް އެމެރިކާ ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކިގައުމުތަކަށް ފޮނުވާފައިވާ އެމެރިކާގެ ލަޝްކަރުތައް އަނބުރައި ގައުމަށް ގެންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން ހިލަރީ ފަދަ މުސްލިމުންނާ ދެކޮޅަށް ހަރުކަށިބަސް ވިދާޅުނުވާ މަތި ރީތި ކުރައްވާ ބޭފުޅުންގެ މަސްއޫލުވެރިކަމުގައި އެމެރިކާވަނީ އިސްލާމީ ގައުމުތަކަށް ވައިގެ ޙަމަލާތައްދީ ޑަޒަން ޑަޒަނަށް މީހުން މަރާފައެވެ. ޓްރަމްޕަކީ މުސްލިމުންނާ އިދިކޮޅު ބޭފުޅެއްކަމަށް ވިދާޅުވެ އޭނާއާ ދެކޮޅަށް ތެދުވި ޚުދު އޭނާގެ ޕާޓީގެ ހަރުކުލައިގެ ބޭފުޅުންކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްއާއި ޖޯން މެކޭންފަދަ ހަރުކަށި ބޭފުޅުންނަކީ އިރާގުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގެ ފަހަތުގައި ތިއްބެވި އިރާގުގެ ރައްޔިތުންގެ ލެއިން ތަތްތެޅިފައި ތިއްބެވި ބޭފުޅުންނެވެ.

ޓްރަމްޕާ ދެކޮޅަށް ކުރާ މުޒާހަރާތައް ދެވަނަ ދުވަހަކަށް ދިގު ދެމިގެން ގޮސްފައިވާއިރު އެމުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މުޒާހަރާ ކުރާމީހުންވަނީ ޓްރަމްޕުގެ ވެރިކަމުގައި ގައުމު ބައިބައިވެ ނަސްލީ ހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް ބުނެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. (ނޫސްއެޖެންސީތައް)