11 Nov 2016, 13:55
ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައި ދިއުމަށާއި މުސްލިމުން ބައިބައި ނުވުމަށް ޚުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ޚުތުބާ ހާއްސަކޮށްފައި ވަނީ މުސްލިމު އަޚާއަށް ހެޔޮކޮށް ހިތުމުގެ މައްޗަށެވެ. އެގޮތުން އިސްލާމް ދިނަކީ އުޚުއްވަތްތެރިކަމުގެ ދީނެއް ކަމަށާއި އޯގާތެރިކަމާއި ރަހުމާއި ހަމްދަރުދީގެ ދީނެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ ދީން ހުއްދަކުރާކަމެއް ނޫންކަން ވަނީ ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ބުނީ އެއްބައިވަންތަކަމާއި އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި ބައިބައިވުމަށް ފުރުސަތުދޭ އުއްމަތެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި ބުނީ، އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށެވެ. އެއީ ބައިބައިވުމަށް ފުރުސަތުދޭ އުއްމަތެއް ނޫން ކަމަށާއި މުސްލިމުންގެ މިސާލަކީ ގަދަފަދަ ބިނާއެއްގެ މިސާލު ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމްކުރުމަކީ ﷲގެ ހަޟުރަތުގައި މުސްލިމުންގެ ދަރަޖަ މަތިވެރިވެގެންވާ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި އެ ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއް ނޫން ކަމަށް ބުނެފައިވެއެވެ.
އެހެންވުމާ އެކު އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށްފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.