11 Nov 2016, 14:40
ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތަށް ކޮލިފައިވުމަށް ކުޅުނު މެޗުން ބްރެޒިލް އަތުން 3-0 ލަނޑުގެ ނަތީޖާއަކުން ބަލިވެ އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައި ނުވެދާނޭކަމުގެ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
ދެކުނު އެމެރިކާގެ 10 ޓީމު ވާދަކުރާ ކޮލިފައިން ގްރޫޕުން ގަދަ ހަތަރު ޓީމަށް ވޯލްޑްކަޕް ޖާގަ ކަށަވަރު ވާއިރު، އާޖެންޓީނާ އޮތީ ހަ ވަނައިގައެވެ.
ގްރޫޕްގެ ފަސްވަނަ ލިބޭ ޓީމެއް ޖެހޭނީ އޯޝެނިއާގެ ގްރޫޕް ވިނަރސްއާ ޕްލޭއޯފްގައި ވާދަކުރާށެވެ.
އާޖެންޓީނާ މިހާތަނަށް ކުޅުނު 11 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ހަތަރު ވަނައިގައި އޮތް އިކުއެޑޯއަށް ވަނީ އާޖެންޓީނާއަށް ވުރެ އެއް ޕޮއިންޓު އިތުރަށް ލިބިފައެވެ. މީގެ އިތުރުން އާޖެންޓީނާ އޮތީ، 24 ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައި އޮތް ބްރެޒިލަށްވުރެ އަށް ޕޮއިންޓު ފަހަތުގައެވެ.

ނޭމާ ބްރެޒިލް ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑު -- ފޮޓޯ: ބީބީސީ
މެޗުގެ 25 ވަނަ މިނިޓްގައި ބްރެޒިލަށް އާޖެންޓީނާގެ ގޯލް ހުޅުވާލަ ދިނީ ފިލިޕޭ ކޫޓީނިއޯއެވެ. އަދި ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނޭމާ ވަނީ، ލަނޑެއް ކާމިޔާބުކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްފައެވެ. މިއީ ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.
މިއީ ވޯލްޑް ކަޕް ބްރެޒިލް 2014ގައި ބެލޯ ހޮރިޒޮންޓޭގައި ޖަރުމަނު އަތުން 7-1 ލަނޑުގެ ލަދުވެތި ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗަށް ފަހު އެ ދަނޑުގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އެނބުރި އައުމާއެކު އެޓީމު ވަރުގަދަ ވާނޭ ކަމަށް ބެލެވުނު ނަމަވެސް ބްރެޒިލުން ވަނީ، އާޖެންޓީނާގެ ފޯވާޑު ލައިނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އެ މެޗުގައި، އެޓީމުގެ ޑިފެންސް ލައިނުގެ ބަލިކަށިކަން ވަރަށް ރަނގަޅަށް ދައްކާލަދީފައެވެ. އެގޮތުން ބްރެޒިލުން ޖެހި ތިން ވަނަ ލަނޑު 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.

ބްރެޒިލް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ -- ފޮޓޯ: ގޯލް
ދެވަނަ ބުރުގެ މެޗުތަކާ އެކު، ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ކޮންމެ ޓީމަކަށް ވެސް ބާކީ ހަތް މެޗު އޮތްއިރު، އަންގާރަ ދުވަހު، ބްރެޒިލް ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ފަސްގަނޑުގައި އާޖެންޓީނާ ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގައި، ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެނެޒުއޭލާ ވަނީ 5-0 ލަނޑުން ބޮލީވިއާ އަތުން މޮޅުވެފައެވެ. ޕެރަގުއާއީ އަތުން 4-1 ލަނޑުން ޕެރޫ މޮޅުވި އިރު، އުރުގުއާއީ ވަނީ، 2-1 އިން އިކުއެޑޯ ބަލިކޮށްފައެވެ. އަދި ކޮލަމްބިއާ ޗިލީގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.