11 Nov 2016, 11:51
ފަހަތުން އަރައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، އެފްއޭ ކަޕްގެ ތިންވަނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އެފްއޭ ކަޕްގެ ތިންވަނަ ހޮވުމަށް ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް، މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއުއިން ކުރި ހޯދާފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅު ޔޫވީގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި އިބްރާހިމް ސަފްރާޒް ދިން ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ރަފީނިއާ އުފެއްދި ހަމަލާ ފާހަގަކޮށްލެވެއެވެ. ރަފީނިއާގެ އެ ހަމަލާގެ ހުރަހަކަށްވީ ނިއުގެ ޖަޕާން ކީޕަރު ޔުން ކޮޗީއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދައިފައެވެ. ކެޕްޓަން ހުސައިން ސިމާޒް (ކޮކީ) ދިން ބޯޅައަކުން ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަފްރާޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ނުރައްކާތެރި ހަމަލާއަކުންނެވެ.
ޔޫވީން ލީޑު ހޯދިތާ ތިން މިނެޓްފަހުން ނިއު އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު)އަށް އިބްރާހިމް މައިސާން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަމްޕުއެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ނިއުއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ލީޑު ހޯދައިފައެވެ. މުހައްމަދު ސާމިރު އުފެއްދި ހަމަލާއެއް ޔޫވީގެ ކީޕަރު އިބްރާހިމް ރަޝީދު މަތަކުރުމާއެކު ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ލިބުނު ބޯޅައަކުން ނިއުއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އަދިސް ސަހީލީ އެވެ. އެއީ މިއަހަރުގެ ސީޒަންގެ ކުރީކޮޅު ނިއުއާ ގުޅުނު ސަހީލީ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި އަބްދުﷲ ހަނީފް (ބެންޖޯ) ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސައިން ޝަރީފް މުހައްމަދު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސް ނިއުއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސާމިރު ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ސަހީލީ ބޮލުން އުފެއްދި ހަމަލާ، ކީޕަރު ރަޝީދު ވަނީ މަތަކޮށްފައެވެ.
އެފްއޭ ކަޕްގެ ފައިނަލު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.